ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. މަޑަވެލީގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭންފަށައިފިއެވެ.
ގދ. މަޑަވެލީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މަޑަވެލި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު ސްޓޭޝަންގައ ދިވެހިރާއްޖޭ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ހާލާތުގައި އަމަން އަމާންކަން ގާއިމްކޮށް ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް އެހެން ގޮތްތަކަކުން މަސައްކަތްކޮށްގެން މެނުވީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ވެގެން ނުދާނެކަމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގެ ތަރައްގީއާއި އިގްތިސާދީ އުސްމިންތަކަަށް ދަތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ އެންމެ މުހިންމު ބަހާއަކީ އަމާންކަމާއި ރައްކާތެރިކަމާއި ސަލާމާތްތެރިކަން ކަަމަށް ސަރުކާރަށް އެނގޭކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ހިދުމަތް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށާއި އެމަސައްކަތް ވަރަށް ބާރަށް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ﷲ ރަހުމަތާއެކު ފުލުހުންނާއި ރައްޔިތުންގެ އެއްބާރުލުމާއެކީ އެމަސައްކަތް 2023 ވަނަ އަހަރު ނިމުމުގެ ކުރިން ނިމިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތް ގާއިމްކުރުމަކުން ނުވަތަ ފުލުހުންގެ މަރުކަޒެއް ހުޅުވުމަކުން މަސައްކަތް އަދި ނުނިމޭކަމަށާއި އެއީ ހަގީގަތުގައި މަސައްކަތް ފަށައިގަނެވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިގެންދާނީ ފުލުހުންގެހިދުމަތަކާއެކުގައި ރަށުގެ ހިންގުންތެރި ފަރާތްތައް، ހާއްސަކޮށް ކައުންސިލް އަދި ރަށުގައި ހުރި މުއައްސަސާތައް އެކުވެ ގުޅިލާމެހިގެން ރަށުގެ މުޅި މުޖުތަމައު އަމާންކޮށް ރައްކާތެރިކޮށް ސުލްވެރިކޮށް ބޭއްވުމަށް މަގުފަހިކުރުންކަމަށް ވިދާޅުވިއެވެ.
މިއަދު ފުލުހުންގެ ފަލްސާ ބައްޓަން ކުރެވިގެންމިދަނީ ކުށަށް އަރައިގަތުމުން ހައްޔަރުކޮށް އަދަބު ދިނުމުގެ ނިޒާމު ދޫކޮށް، ކުށަށް އަރައިގަތުމުގެ ކުރިން ކުށަކަށް މަގުފަހިވެދާނެ ކަންކަން ދެނެގަނެ އެކަންކަމުން މުޖުމަތަމުގެ އަފުރާދުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަލްސަފާގެ ތެރެއަށް ނުވަތަ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއަށްކަމަށް ވިދާޅުވިއެވެ.
ޕޮލިސް ސްޓޭޝަން ހުޅުވުމަށް މަޑަވެލީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ގުދުރަތުﷲ އާއި މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޟް ޙަސަން އާއި ކައުންސިލް މެމްބަރުންނާއި އެކްޓިންގ ސައުތު ރީޖަނަލް ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފް އާއި ސައުތު ސަބް ރީޖަނަލް ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަހީދާ ޠާހިރު އާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.


