ސިޔާސީ ބޭނުމަކަށްޓަކައި ށ. ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް އެހެން ވިދާޅުވީ ދެކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ފައްޔާޒް ވިދާޅުވީ، އެ މަޝްރޫއުގެ ސަބަބުން ކޮމަންޑޫ ރައްޔިތުންގެ ބިން 100 ޕަސަންޓަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ކޮމަންޑޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވުމުގެ އިތުރުން، އިގްތިސާދީގޮތުން ބޮޑު ބަދަލެއް ގެނުވާނެ ކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ކަން އެހެން ހުރި ނަމަވެސް، ސިޔާސީ ބޭނުމަކަށްޓަކައި އެ މަޝްރޫއުހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އެހެނިހެން ތަންތަނަށް ހުށަހަޅައިގެންވެސް އެ މަޝްރޫއު ހުއްޓުވުމެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
“އޭގެ ބޭނުމަކީ ސަރުކާރަށް ކަމެއް ނުވާކަން ރައްޔިތުންނަށް ދެއްކުމަށްޓަކައި، އޭގެ ފަހަތުގައި އޮތް ކަންތައް ތިބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ” ފައްޔާޒް ވިދާޅުވިއެވެ.
އޭގެ އިތުރުން ފައްޔާޒް ވިދާޅުވީ، މި ސަރުކާރަށް ހުރިހާ ބައެއްގެ ފާރަވެރިކަމާއެކުވެސް ކަންކަން ކުރެވޭނެ ކަމަށެވެ. އަދި ބައެއްގެ އަތުގައި އެފަދަ މަޝްރޫއުތައް ހިންގުމުގެ އާރާއި ބާރު އޮތް ދުވަހު އެކަން ކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރަށް ލިބިފައިވާ ވަގުތުގައި، ރައީސް ސޯލިހު ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށް ވިދާޅުވިއެވެ.


