އިދިކޮޅުގައި މި ވަގުތު އޮތް ޕީޕީއެމްއަށް ދެންވެސް ސަރުކާރު ލިބިއްޖެނަމަ، 2018 ވަނަ އަހަރު ވައުދުވީ ފަދައިން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވެހިކަން ކަށަވަރުކޮށްދޭނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ ށ. ފޯކައިދޫގައި އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެންގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީގެ ކެންޕެއިންގައި ރައީސް ޔާމީން ވިދާޅުވީ، ޒުވާނުންގެ ތަރައްޤީއަށް އެންމެ ބޮޑު މަސައްކަތެއް ކުރެވުނު ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރު ކަމަށެވެ. އަދި ޒުވާނުންނަށް ޒުވާނުންނަކީ ކޮބައިކަން މަންހަޖެއްގެ ތެރެއިން ދަސްވެގެން ދިޔައީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށް ވިދާޅުވަމުން، ވިދާޅުވީ ޒުވާނުންނަކީ ދިވެހިންގެ ތެރޭގައި އުޅޭ ބައެއް ކަމާއި ދޫކޮށްލައިގެން ވާނެ ބައެއް ނޫންކަން އަމަލީ ގޮތުން ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި ކަމަށެވެ.
ޒުވާނުންނަށް ރައީސް ޔާމީންގެ ސަރުކާރުގައި އަހަމިއްޔަތު ދިންކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ 18 އަހަރުން މަތީގެ ހަމަ ކޮންމެ މީހަކަށް ބޯހިޔާވެހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް ޔާމީންގެ ވައުދެއް ކަމަށާއި އަދިވެސް ހުންނެވީ ވައުދުގެ މަތީގައި ކަމަށެވެ.
“މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި، 2030 ވަނަ އަހަރާ ހަމައަށް ދާންވާއިރަށް، އުމުރުން 18 އަހަރުން ފުރޭ ކޮންމެ ކުއްޖަކަށް ބޯހިޔާވެހިކަން އަޅުގަނޑުގެ ސަރުކާރުން ކަށަވަރުކޮށްދޭނަމޭ، ރައްޔިތުން އެ ފުރުސަތު އަޅުގަނޑުމެންނަށް ފަހިކޮށްދީދިއްޔާ. އެއިކީ ފަސޭހަ ކަމެއް ނޫން. އެއީ ބޮޑު ކަމެއް، ބޮޑު މަސްއޫލިއްޔަތެއް، ޚަރަދު ބޮޑު، ހޭދަ ބޮޑު ނިންމުމެއް.”
ރައީސް ޔާމީން ވިދާޅުވީ 2030 ވަނަ އަހަރު އަންނަންވާއިރަށް 18 އަހަރު ފުރޭ ހުރިހާ ޒުވާނުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދެވޭތޯ، ރައްޔިތުން އެ ފުރުުސަތު ދެއްވައިފިނަމަ ބަލާނެ ކަމަށެވެ.
އެ ހުރިހާ ކުދިންނަށް ބޯހިޔާވެހިކަން، މާލެ ކައިރި ސަރަހައްދުން، އެންމެ ކުޑަ މިނުން ފްލެޓެއް، އެޕާޓްމެންޓެއް. ނޫނީޔާ އެޕާޓްމެންޓާ ގުޅިގެން ބޯހިޔާވެހިކަން އަޅުގަނޑުމެން ވައުދުވިން. އަދި އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަން ކަށަވަރު ކުރެވޭތޯ އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން.
ރައީސް ޔާމީންގެ ވާހަކަފުޅުގައި “އިންޑިއާ އައުޓް” ކެންޕެއިނާ ގުޅުވައިގެންވެސްވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ވިދާޅުވީ، އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގައި ތިބޭތީ އެކަމާ ދެކޮޅަށް އެންމެ އަވަހަށް ނިކުންނަން ޖެހޭ ބަޔަކީ ޒުވާނުން ކަމަށެވެ. އަދި ހަރުއުމުރުފުރައިގެ މީހުން ގޭގައި އަރާމު ކުރުމަށް ފުރުސަތު ދިނުމަށްފަހު، ޒުވާނުން މިމަސައްކަތަށް ނިކުތުމަށް ރައީސް ޔާމީންވަނީ ގޮވާލައްވާފައެވެ.


