އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

ޚަބަރު ފަހުގެ

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން – (އައިއެމްސީޓީސީ)ގެ ސެކްރެޓަރީ ޖެނެރަލް، މޭޖަރ ޖެނެރަލް މުޙައްމަދު ބިން ސަޢީދު އަލްމޮޣައިދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް، ރާއްޖެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މަހުގެ 29 އަށް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން، އެމްއެންޑީއެފްގެ ލީޑަރޝިޕާއެކު މިއަދު ވަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ.

ޑިފެންސް މިނިސްޓަރުގެ އަރިހަށް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މިއަދު ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތުގައި، އައިއެމްސީޓީ ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިގޮތުން، އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ދީނީ ޢިލްމުވެރިންނާއި ޓެރަރިސްޓު ހަމަލާޔަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޮނުވައިގެން، މި މަސައްކަތް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހަށް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މިއަދު ކުރެއްވި ޒިޔާރަތުގައި، ޓެރަރިޒަމްގެ ނުރައްކަލާއި، ހައްދުފަހަނައަޅައި ދިއުމުގެ ނުރައްކާތަކުން ސަލާމަތްވުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އަދި، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ޤާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި، ޑިޕްލޯއިކޮށްފައިވާ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮންޓިންޖަންޓްގެ ފަރާތުން އެ ކޯލިޝަނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ދިވެހި އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ޤާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، އެއް އަހަރުގެ މުއްދަތަށް ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮންޓިންޖަންޓެއް ވަނީ ޑިޕްލޯއިކޮށްފައެވެ. އަދި، އެ ކޮންޓިންޖެންޓް ޑިޕްލޯއިކޮށްފައިވާ މުއްދަތު އިތުރުކޮށް، މިހާރު ވެސް އެސެންޓަރުގައި ދިވެހި ސިފައިންގެ ކޮންޓިންޖަންޓުން ދަނީ ޙަރަކާތްތެރިވަމުންނެވެ.

އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ޤައުމަކުންވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެމްބަރު ޤައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު ޙިއްސާކުރުން ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ