ރައްޔިތުން މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ދީފި ނަމަ ރާއްޖޭގައި ހުރިހާ ދީންތަކަކަށް ފުރުސަތު ދެވޭނެގޮތަށް ގާނޫނަށް ބަދަލު ގެންނާނެކަމަށާއި އެކަން ވިޔަ ނުދީ ހުއްޓުވަން ޖެހޭކަމަށް އިދިކޮޅު ކޯލިޝަނުގެ ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޗެނަލް-13 ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ 65 ގޮނޑި އެމްޑީޕީއަށް ދީފި ނަމަ ރާއްޖޭގައި ހުރިހާ ދީންތަކަކަށް ފުރުސަތު ދެވޭނެގޮތަށް ގާނޫނު ބަދަލު ކުރާނެކަމަށާއި ކޮމަންޑޫ ދާއިރާގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބު ކުރަންވީ އެ ސަބަބަށްޓަކައި ކަމަށެވެ. ޝުޖާއު ވިދާޅުވީ އެކަން ކުރަންވީ ކޮންމެހެން ޕީޕީއެމްއަށް ގޮނޑި ހޯދައިދިނުމަށް ނޫންކަމަށާއި ނަމަވެސް އެއީ ގައުމު ސަލާމަތް ކުރުމަށް ކުރަން ޖެހޭކަމެއްކަމަށެވެ.
ޝުޖާއު ވިދާޅުވިގޮތުގައި ރާއްޖެ މިހާރު މި އިތް ހާލަތަށް ރާއްޖެ ވެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭ އެއްބަޔަކީ އެސަރުކާރަށް ނިސްވަބަތްވާ ރައްޔިތުން މަޖިލީހުގެ 64 މެންބަރުންނެވެ. އެގޮތުން ކޮމަންޑޫ ދާއިރާގެ ގޮނޑީ އިދިކޮޅު ކޯލިޝަނަށް ހޯދަން ޖެހޭ ސަބަބަކީ މިއީކަމަށްވެސް ޝުޖާއު ވިދާޅުވެފައިވެއެވެ.
މި ސަރުކާރު އައި ފަހުން ދިވެހިރާއްޖޭގެ ގައުމިއްޔަތާއި އިސްލާމް ދީނަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ދާހިލީ ކަންކަމުގެތެރެއަށް އިންޑިއާ ސަރުކާރުން ވަންނަ ވަނުން އެއީ މައްސަލައެއް ކަމަށާއި މިއީ ވަކި ގައުމަކަށް ވެގެން ގޮވާ ގޮވުމެއް ނޫންކަމަށެވެ. އެގޮތުން އެހެން ގައުމެއްގެ ސިފައިން ތިބި ނަމަވެސް އެ ބަޔަކު ބާލަން ކުރަން ޖެހޭކަމެއް ކުރާނެކަމަށްވެސް ޝުޖާއު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ޝުޖާއު ވިދާލުވި ރައީސް ޔާމީނަކީ ވަތަނީ ލީޑަރެއްކަމަށާއި އެމަނިކުފާނު ޖަލުގަ އޮންނަވައިގެންވެސް ދެއްވި އިރުޝާދަކީ މި ގައުމު ސަލާމަތްކުރުމުގެ އިރުޝާދުކަމަށެވެ. އެގޮތުން ރައީސް ޔާމީން ޖަލަށް ލާނެކަމަށް މި ސަރުކާރުގެ އިސްވެރިން ގޮވާލެއްވިކަމުގައި ވިޔަސް އެއީ ކުރެވޭނެކަމެއް ނޫންކަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ. ޝުޖާއު ވިދާޅުވީ މި ސަރުކާރު މި އޮތީ ނިމިފައިކަމަށާއި ދެން އޮތީ ރަސްމީކޮށް ނިންމާލުންކަމަށެވެ.
ޝުޖާއު ވިދާޅުވީ ރައީސް ޔާމީން ދެން ޖަލަށް ނުލެވޭނެކަމަށާއި ރައީސް ޔާމީން ޖަލަށް ލާފައި މި ސަރުކާރު ދެން ހިންގޭނެ އެއްވެސް ގޮތެއްވެސް ނޯންނާނެކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށް ލައިފި ނަމަ ޕީޕީއެމްގެ ލަޝްކަރު ދެން އޮންނާނީ މަގުމަތީގައިކަން ގފާޖހަގަ ކުރައްވާ ޝުޖާއު ވިދާޅުވީ އަނިޔާވެރިކަން އިސްކޮށްގެން ކާމިޔާބު ނުލިބޭނެކަން ރައީސް ޞާލިހަށާއި ރައީސް ނަޝީދަށް މިހާރު އެނގިވަޑައިގަންނަވާނެކަމަށެވެ.
ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ރައީސް ޞާލިހާއި ރައީސް ޞާލިހުގެ ބައިވެރިން ތިބޭނީ ޖަލުގައިކަމަށާއި ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް ވެސް އެކަން ލާނެކަމަށެވެ. އޭނާ ވިދާޅުވީ މިއީ މަގާމު ހޯދާ ބޮޑުކަން ދައްކަން ކުރާކަމެއް ނޫންކަމަށާއި މިއީ ގައުމު ސަލާމަތް ކުރުމުގެ އަޒުމުގައި ކުރާ މަސައްކަތެއްކަމަށެވެ.


