ރާއްޖެއިން ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އދ. ދަނގެތި ސިއްހީ މަރުކަޒުގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 50 އަހަރުގެ ދިވެހި އަންހެނަކު ރޭގެ 12:24 ހާއިރު ނިޔާވި ކަމަށެވެ.
އެމީހާ އަކީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 272ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އިއްޔެ ހަވީރު ވެސް މި ބަލީގައި ރާއްޖެއިން ވަނީ މީހަކު ނިޔާވެފައެވެ.
ރާއްޖެއިން މިފަހަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވަމުން އަންނައިރު ދުވާލަކު ރާއްޖެއިން 2،000އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއެވެ. މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު 16،666އަށް އަރާފައިވާއިރު ހޮސްޕިޓަލުތަކުގައި އެޑްމިޓު ކޮށްގެން 57 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.


