ދެން އަންނަ ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކުރެވިގެން އުފައްދާ ސަރުކާރެއްގައި ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތަކުން ވަޒީފާތަކަށް ނަގާނީ ހަމައެކަނި ޕީޕީއެމް މެމްބަރުންނަށް ކަމަށާއި އެހެން ޕާޓީތަކުގެ މީހުނަށް ފުރުސަތެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން މިރޭ ބޭއްވި ޕީޕީއެމްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި ކަންކުރައްވާނެ ގޮތް ކަމަށް ވިދާޅުވެ ރައީސް ޔާމިން ވިދާޅުވީ އެ ޕާޓީގެ ދެން އަންނަ ވެރިކަމެއްގައި މުވައްސަސާތަކާއި ކުންފުނިތަކުން ޕީޕީއެމްގެ “ކުދިންނަށް” ވަޒީފާ ދޭއިރު އެހެން ޕާޓީތަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރެއިންވެސް މިއަދު ޕީޕީއެމްގައި އެއްކޮން މަސައްކަތްކުރާ މީހުނަށް ވަޒީފާ ދިނުމުގައި އިސްކަން ދެއްވާނެ ކަމަށެވެ.
އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި ރަށްރަށުން ވަޒީފާ އެހެން ޕާޓީގެ މެމްބަރަކަށް ނުދެއްވާނެ ކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ މިހާރު ވަޒީފާތަކުގައި ތިބި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން މީހަކު ވަޒީފާ ގެއްލުނު ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި އެމީހުންގެ ވަޒީފާ އަލުން އިއާދަކޮށްދޭނެ ކަމަށާއި ނޫން ނަމަ އެއަށްވުރެ ބޮޑު ވަޒީފާއެއް ދޭނެ ކަމަށެވެ.
ރައީސް ޔާމިން އެގޮތައް ވައުދުވެ ވަޑައިގަތުމަށްފަހު ވިދާޅުވީ އެގޮތައް ކަންތައް ކުރައްވަން ޖެހެނީ މިހާރުގެ ސަރުކާރުން އަނިޔާވެރިކޮށް ވެރިކަން ކުރައްވާތީ ކަމަށެވެ.
ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ދެން ވަޒީފާ ދޭނީ ޕީޕީއެމް ކުދިންނަށްކަން ކޮމަންޑޫ ދާއިރާއަށް އެމަނިކުފާނު ދާދިފަހުން ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެ ދާއިރާގައި ތިބި އެ ޕާޓީގެ މީހުންގެ ގާތު ދަންނަވާފައިވާނެ ކަމަށެވެ.
ހަމައެހެންމެ ޕީޕީއެމްއާއެކު މަސައްކަތްކުރުމުގެ ތެރޭގައި ވަޒީފާ ގެއްލޭ މީހަކަށް ޕީޕީއެމްގެ ސަރުކާރެއް އައުމަށްފަހު އަނބުރާ އެ ވަޒިފާ ނުވަތަ އެއަށްވުރެ ބޮޑު މަގާމެއް ދޭނެ ކަމަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުނަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށް ރައީސް ޔާމިން މި ބައްދަލުވުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމިން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ޖަލްސާގައި ގާސިމް އިބްރާހިމް ފޯކައިދޫގައި ދެއްކެވި ވާހަކައަށް ފާޑު ވިދާޅުވެފަ އެވެ. އާސަންދަ ލިބޭނީ ވަކި ފިކުރެއްގެ ބަޔަކަށް ކަމަށް ގާސިމް ވިދާޅުވި ކަމަށް ފާހަގަ ކުރައްވަމުން ރައީސް ޔާމިން ވިދާޅުވީ އެ ހިދުމަތް ކޮންމެ ރައްޔިތަކަށް ލިބެންވާނެ ކަމަށެވެ.
“އާސަންދަ ހިދުމަތް މަރޮށީގައި ހުންނަ ޕީޕީއެމް މީހާއަށްވެސް ލިބެންވާނެ. ފޯކައިދޫގައި ހުންނަ އަދާލަތު މީހާއަށްވެސް ލިބެންވާނެ. ކޮމަންޑޫގައި ޕާޓީއަކަށް ނުވަދެ ހުންނަ މީހާއަށްވެސް އާސަންދައިގެ ހިދުމަތް ލިބެންވާނެ.” ޔާމީން ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ރައީސް ޔާމިން ވަނީ މިހާރު ހިނގަމުންދާ މަޖިލިސް އިންތިހާބުގެ ގިނަ ގޮނޑިތަކެއް ޕީޕީއެމްއަށް ކާމިޔާބު ނުވި ސަބަބާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީޕީއެމްއަށް ގިނަ ގޮނޑިތަކެއް ކާމިޔާބު ނުކުރެވުނީ ޖުމްހޫރީ ޕާޓީއާއެކު ވި އެއްބަސްވުމެއްގެ ދަށުން ބައެއް ދާއިރާތައް އެ ޕާޓީއަށް ދޫކޮށްލުމުގެ ސަބަބުންނެވެ. އެހެންވެ ދެން ދުވަހަކުވެސް މަޖިލިސް އިންތިހާބެއްގައި ޕީޕީއެމް އިން އެހެން ޕާޓީއަކާ ކޯލިޝަން ނުހަދާނެ ކަމަށްވެސް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.
މިދިޔަ މަޖިލިސް އިންތިހާބުގައި ޕީޕީއެމްއަށް ގެއްލުންވީ ހިޔާނާތްތެރިންނާއި ހީލަތްތެރިންނާ ޖެހުނީމަ ކަމަށްވެސް ވިދާޅުވި އެވެ.


