ރާއްޖެއިން އިތުރު 1،955 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 146،991 އަށް އަރާފަ އެވެ.
އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 599 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 875 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 78 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ސާމްޕަލް ނެގި ވަކިތަނެއް ނޭނގި 403 ކޭސް އަދި ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 17،735 މީހުންނެވެ. މިހާތަނަށް 128،963 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 56 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 280 އަށް އަރާފައެވެ. މި ބަލީގައި އިއްޔެވެސް ދެ މީހަކު މަރުވިއެވެ.


