ބ.ގޮއިދޫގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެެވެ.
ގޮއިދޫ ޕޮލިސް ޕޯސްޓް މިއަދު ހުޅުއްވައިދެއްވާ އެތަނުގެ ހިދުމަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
މި ރަސްމިޔާތުގައި ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ގޮއިދޫ ކައުންސިލްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ، ފުލުހުން ރައްޔިތުންގެ މަސައްކަތާ ހަވާލުވެ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ކަންކަން ފަށައިގަތް ހިނދު، ރައްޔިތުންނަށް އުފާވެރިކަމާއި، ފާގަތިކަމާއި، ހިތްހަމަޖެހުން ގެނެސްދިނުމުގެ މަސައްކަތް ބައްޓަންކުރުމަށް ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަންތައް ކަމުގައިވާ ރައްޔިތުންގެ އިގްތިސާދީ އިޖުތިމާއީ ފާގަތިކަމާއި ފަހިކަން ގެނެސްދިނުމަށްޓަކައި ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.
އެގޮތުން ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން މެނުވީ ރައްޔިތުންނަށް އިގްތިސާދީ ފުދުންތެރިކަމާއި، އިޖުތިމާއީ ދުޅަހެޔޮކަން ނާންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއަށް ވިސްނައި ފިކުރު ހިންގައިލާއިރު ރާއްޖޭގެ ރަށްރަށުގެ މީހުންގެ ދިރިއުޅުމާއި ސަގާފަތާއި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވައި މީގެ އެތައް ދުވަހެއް ކުރިން ރާއްޖެއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި އެއް ވަބާ ކަމުގައިވާ މަސްތުވާތަކެތީގެ އަސަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
އިމްރާން ވިދާޅުވީ އެކަމުގެ ފަހަތުގައި ތިބި ނުރައްކާތެރި މީހުން އެ ކުރާ މަސައްކަތަކީ ހުރިހާ މީހުންވެސް އެކަމަށް ވިސްނައިގެން ފުލުހުންގެ ހިދުމަތް ބައްޓަންކުރަންޖެހޭ މަސައްކަތެއް ކަމަށާއި، ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެވޭނީ އެގޮތުން ކަމުގައި ވިދާޅުވިއެވެ.