މަޖިލީހުގެ ރަންގޮނޑި ހޯދަން ކެންޕޭނުގައި އުޅުއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ 500 ގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގައި މިއަހަރު ނިމޭއިރަށް އޭޓީއެމް ބެހެއްޓުމަށް ވައުދުވެފައެވެ.
ފައިސާ ހުރިއްޔާ އޭޓީއެމް ބެހެއްޓުމަކީ ކުރެވިދާނެކަމެކެވެ. ސުވާލަކީ އެތަކެތި ބެލެހެއްޓި ދާނެބާއެވެ؟ ނުވަތަ ނަމެއްގައި ބަހައްޓާނީ ތޯއެވެ؟
އެސުވާލު ނުކުރަންވީ ސަބަބެއްވެސް ނެތެވެ؟ ރާއްޖެ ތެރޭގައި ބަހައްޓާފައި ހުންނަ އޭޓީއެމްތަކުގެ މަރާމަތެއް ކުރަންޖެހިއްޖެނަމަ ބޮލަށް ފައިބާ އިރުވެސް ގިނަފަހަރަށް އެކަން އޮންނަނީ ނުވެފައެވެ.
2020 ވަނަ އަހަރަށް ޖެހިލަމާ ހިނގާށެވެ. އެއަހަރު ހަނިމާދޫގައި ބައްހައްޓާފައި ހުރި އޭޓީއެމްގެ އިމާރާތް ހަލާކުވެ ވާރެެވެހޭ ދުވަސްތަކުގައި އެތަނަށް ފެން ފައިބާކަން އެތަނުގެ ބެލެނެވެރި ފަރާތަށް އެނގޭއިރުވެސް މަރާމަތެއް ނުކޮށް އެތަން ބޮލަށް ފައިބަންދެން ހުރީއެވެ.
2021 ގެ ފަހުކޮޅުން ފެށިގެން ހަމަ އެ އޭޓީއެމްގެ އެސީ އެހުރީ ހަލާކުވެފައެވެ. އެކަން އެ ތަނުގެ ބެލެނިވެރި ފަރާތަށް އިނގޭނެއެވެ. ނަމަވެސް 6 މަސް ދުވަހަށްވުރެ ގިނަދުވަސް ވާން ދާއިރުވެސް އަޅާލުމެއް ނެތެވެ.
ފަހަރުގައި ހަނިމާދޫއަށް ވީމައި އޮތް ހުކުމްކަމަށް ވެދާނެއެވެ. ދެން 500 ގެ އަބާދިއެއް އޮންނަ ކޮންމެ ރަށެއްގައި އޭޓީއެމް ބަހައްޓައިގެން ބެލެހެއްޓޭނެ ވަރު އަމިލައަށް ތަސައްވަރު ކޮށްލާށެވެ.


