އިންޑިއާ އައުޓް ބެނާ ހަނިމާދޫ އެއާޕޯޓުން އަވަށަށް އަރަން އޮންނަ މަގު، (އަސްކަރީ ހިގުން) ސަރަހައްދުގައި އިއްޔެ ހަވީރު ދެމިތަނާ ބަޔަކު ބެނާ ކަނޑާލުމުން އަލުން ބެނާ ދަމައިފިއެވެ.
އިއްޔެ ބެނާ ކަނޑާލާފައިވަނީ އެ ބެނާ ދެމުމުން ބެނާ ކަނޑާލާނެކަމަށް ހަނިމާދޫގެ އެމްޑީޕީ އެކްޓިވިސްޓެއް ފާޅުގައި ގޮވާލާ އަޑުއުފުލާފައި ވަނިކޮށެވެ.
މިއަދު ބެނާ ދަމާފައިވަނީ އަރާމަގު ނޫރުއްޞަބާޙް ގޭގެ ކަންމަތީގައެވެ. އެ ސަރަހައްދުގައި އިންޑިޔާ ސިފައިން ބޭރުކުރަން ގޮވާލާ ބެނާ ހަރުކުރިއިރު އެ ގެއާ އިންވެގެން ހުންނަ ގޭގައި އިންޑިޔާ ސިފައިން އުޅެއެވެ.
މީގެއިތުރުން އިންޑިއާ ސިފައިން ދިރިއުޅޭ ސަރަހައްދުގައި ދެ ފާރެއްގައިވެސް އިންޑިއާ އައުޓް ލޯގޯ ޖަހާފައިވެއެވެ.
ބެނާ ހަރުކުރުމުގައި ހަރަކާތްތެރިވި ފަރާތެއް ބުނީ ބެނާ ކަނޑާލައިގެން “އިންޑިއާ އައުޓް” ކެމްޕެއިން ނުހުއްޓުވޭނެ ކަމަށާއި، ހަލާކުކޮށްލާ އިރަށް އާ ބެނާއެއް ހަރުކުރާނެ ކަމަށެވެ.


