ޕެންޝަން އޮފީހުގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކޮށްފި

ޚަބަރު ފަހުގެ

ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަން ކޮށްފިއެވެ.

މި ދެބޭފުޅުންނަކީ މޯޓެޒާ ކެޕިޓަލްގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް މުޙައްމަދު ޣާލީ މުރުތަޟާ އާއި އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިންގ ޕާރޓްނަރ އަލްފާޟިލް އަބްދުލް މަޖީދު އަލީ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޣާލީ މުރުތަޟާ އަކީ ހޮސްޕިޓަލިޓީ އަދި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ދާއިރާގައި 15 އަހަރަށް ވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި އަބްދުލް މަޖީދަކީ އެސްއެމްއީ ފައިނޭންސާއި، އޮޑިޓިންގ އަދި ގަވަނަންސް ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

މިދެބޭފުޅުން ބޯޑަށް އައްޔަން ކުރައްވާފައިވަނީ ފެބްރުއަރީ 10ވަނަ ދުވަހުން ފެށިގެން ކުރިޔަށް އޮތް 3 އަހަރުގެ މުއްދަތަށް ކަމަށް ޕެންޝަން އިފީހުން ވިދާޅުވެއެވެ.

ޕެންޝަން އޮފީހުން ބުނީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި އައްޔަންކުރަނީ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެންބަރުން ހޮވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރާ ނަންތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންނެވެ.

ބޯޑު މެންބަރުން ހޮވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީގައި ހިމެނެނީ ސިވިލް ސާރވިސް ކޮމިޝަނާއި، މިނިސްޓްރީ އޮފް ފައިނޭންސް އަދި އެއިރެއްގައި ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރާ މިނިސްޓްރީން ކަނޑައަޅުއްވާ ބޭފުޅުންނެވެ. މިކޮމިޓީ އިން ޝޯޓްލިސްޓް ކުރައްވާ ބޭފުޅުންގެ ކިބައިގައި ގާނޫނުގައި ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވާކަން ކަށަވަރުކުރުމަށް އެބޭފުޅުންގެ ނަންތައް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ފޮނުވާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ