‘އިންޑިޔާ-އައުޓު’ – މި ގޮވުމުގެ މައްޗަށް ބަލައިލުން (ފުރަތަމަ ބައި)

ރިޕޯޓް އިޖުތިމާޢީ ފަހުގެ

‘އިންޑިޔާ-އައުޓު’، އާދެ، އިންޑިޔާގެ އަސްކަރީ ތިބުމެއް ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގޭ ހަރަކާތުގެ މަސައްކަތް، ކުރިއަށް ގެންދާތާ ދުވަސްގަނޑެއް ވެއްޖެއެވެ. ރޯވެފައި ހުންނަ އަލިފާންގަޑެއްގެ ހުޅުގަނޑު ބައެއް ފަހަރު ބޮޑުވެ ގަދަވެ، އަދި، އަނެއްބައި ފަހަރު، ކުޑަވެ، ހީނަރުވާ ފަދައިން، މި މަސައްކަތް ވެސް، ދޭތެރެ ދޭތެރެއިން ގަދަވެ، އަދި، ބައެއް ފަހަރު، އެކަމަށް ވެސް ބަލިކަށިކަން އަންނަހެން ހީވެއެވެ. ނަމަވެސް، ‘އިންޑިޔާ-އައުޓު’ގެ ހަރަކާތުގެ މަސައްކަތް ހުލިވެ، ‘ބޮޑު ނިގުލައްވެ’، ނިމިދާ ތަނެއް ނުފެނެއެވެ. އިންޑިޔާ-އައުޓުގެ ހަރަކާތް، އެކަން ކުރާ ބަޔަކު ކުރަމުން އެބަ ގެންދެއެވެ. އަދި، ދޭތެރެ ދޭތެރެއިން ދިވެހި ނޫސްތަކުގެ ފަލަ ސުރުޚީކަމުގައި އެ ހަރަކާތާއި އެ ހަރަކާތާ ބެހޭ ބައެއް ޚަބަރުތައް އަޅާލެވެއެވެ. ބައެއް ފަހަރު، އެހަރަކާތް ހިންގާ މީހުންގެ ވާހަކައެވެ. އަނެއް ބައިފަހަރު އެހަރަކާތާ އިދި މީހުންގެ ވާހަކައެވެ. މި ހަރަކާތަކީ، ހުއްޓާލުމެއް ނެތި، އެއްބަޔަކު ކުރިއަށް ގެންދާ، އަދި ހަމަ އަނެއް ބަޔަކު، އެއްވެސް ދޫދިނުމެއް ނެތި، ހުއްޓުވަން މަސައްކަތް ކުރާ ކަމަކަށް ވުމުން، މައްސަލައާ ދޭތެރޭ އެއްޗެއް ބުނެލުމަކީ މުނާސިބު ކަމެއް ކަމުގައި ދެކެމެވެ. މި ހަރަކާތް ހިންގާ މީހުން އެކަން ކުރަނީ ކީއްވެތޯއާއި އަދި އެކަން ހުއްޓުވަން ބޭނުންވާ ބަޔަކު އެކަން ހުއްޓުވަން އުޅުމުގެ ބޭނުމުގެ މައްޗަށް ނަޒަރު ހިންގާލުމަށްޓަކައެވެ.

މައުޟޫއާއިގެން ކުރިއަށް ދިޔުމުގެ ކުރިން މުހިއްމު ނުކުތާއެއް ފާހަގަކޮށްލަން ޖެހެއެވެ. އަޅުގަނޑަކީ، ފަހަރެއްގައި ވެސް، ‘އިންޑިޔާ-އައުޓު’އޭ ގޮވާ މީހުންގެ ވަކީލެއް ނޫނެވެ. އެކަން ކުރުމަށް ބާރުއަޅައި ގޮވާލާ މީހެއް ނޫނެވެ. އަދި، ހަމަ އެހެންމެ އެކަން ހުއްޓުވަން ގޮވާ ބައެއްގެ ވަކީލެއް ވެސް ނޫނެވެ. އެކަން ހުއްޓުވަން ބާރުއަޅައި ގޮވާލާ މީހެއް ވެސް ނޫނެވެ. އެކަން ކުރުމާ ނުކުރުމަކީ، އެކަމާ މެދު ރަނގަޅަށް ވިސްނާފައި، ގަވާއިދިތުތަކާއި ގާނޫނުތައް ތަންދޭ ގޮތެއްގެ މަތިން، ކޮންމެ މީހެއް ވެސް އެ މީހަކު އަމިއްލައަށް ނިންމަން ޖެހޭ ކަމެކެވެ. އެ ނިންމުން ނިންމުމަށް ފަހު، އަނެކާއަށް ވެސް، މައްސަލައާ މެދު ވިސްނައި، އަދި ގަވާއިދުތަކާއި ގާނޫނުތައް ތަންދޭ ގޮތުގެ މައްޗަށް ބަލައި، މި މައްސަލައާއި މެދު އޭނާ ބޭނުންވާ ގޮތަކަށް ނިންމުމެއް ނިންމުގެ ފުރުސަތު އޭނާއަށް ވެސް ދޭން ޖެހެއެވެ. އެއްވެސް މީހަކު، ތިމާ ދެކޭ ގޮތް އެހެން މީހުންގެ މައްޗަށް ފާކޮށް، މަޖުބޫރުކޮށްގެން، އެގޮތް އެހެން މީހުންލައްވާ ގަބޫލުކުރުވާކަށް ނުޖެހެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޑިމޮކުރަސީގެ ދައުވާ ކުރާއިރު، މިއީ ޑިމޮކުރަސީގެ އުސޫލު ނޫން ހެއްޔެވެ؟ ޖަމާއަތާ ގުޅޭ، ޖަމާއީ މައްސަލަތައް ނިންމުމުގައި، އެ ފަދަ މައްސަލަތައް ހާމަ ގޮތެއްގައި ބަހުސްކޮށް، ހެއްކާއި ގަރީނާތަކުގެ މައްޗަށް ބަލައި، ޒިންމާދާރު ސިފައެއްގައި، ކޮންމެ މީހަކަށް ވެސް، ޖަމާއަތުގެ މަސްލަހަތާ ބެހޭ ގޮތުން އެމީހުންގެ ރައުޔު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭ ނޫން ހެއްޔެވެ؟

ކޮންމެއަކަސް، ‘އިންޑިޔާ-އައުޓު’، މިހެން ގޮވައި އިހުތިޖާޖު ކުރުމުގެ މައްސަލައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ އެހެން ގޮވާ ބަޔަކު ގޮވަނީ ކީއްވެގެންތޯ ބަލައި، އެކަން ކުރަން ޖެހޭ ވަރުގެ އުޒުރެއް އެމީހުންނަށް ލިބިފައި އޮތްތޯ ބަލާލުމަށް ޓަކައެވެ. ހަމަ އެހެންމެ، އެކަން ހުއްޓުވާ މީހުންގެ ވާހަކަތަކުގެ މައްޗަށް ވެސް ކަޅިއެއް އެއްލަން ޖެހެއެވެ. އެ ވާހަކަތަކުގައި އެކަން ހުއްޓުވައި އިންޑިޔާގެ ސިފައިން ރާއްޖޭގައި ބައިތިއްބަން ޖެހޭ ރަނގަޅު ސަބަބެއް އޮތްތޯ ބެލުމަށްޓަކައެވެ.

މި ގޮތުން މައްސަލައިގެ މައްޗަށް ނަޒަރު ހިންގާލާއިރު، އެންމެ ފުރަތަމަ ބަލާލަން ޖެހެނީ ‘އިންޑިޔާ-އައުޓު’ އޭ ގޮވުމުގެ މާނައަކީ ކޮބައިތޯއެވެ؟ އެހެން ގޮވާ މީހުން އެހެން ގޮވަނީ ފަހަރެއްގައި ވެސް އިންޑިޔާއާ ދެކޮޅުވެގަންނާ ކަށެއް ނޫނެވެ. އިންޑިޔާއާ ރާއްޖެއާ ދެމެދު އޮންނަ އަވައްޓެރި ކަމުގެ ގުޅުން ކަނޑާލާކަށެއް ނޫނެވެ. މި ގުޅުމަކީ، ޝައްކެއް ނެތް ގޮތުގައި ވަރަށް ކުރިއް ސުރެން ފެށިގެން ވެސް އޮންނަ ގުޅުމެކެވެ. އަދި، ފަހުގެ ތާރީޚަށް ބަލާލާއިރު، މިގުޅުން އިތުރަށް ތަރައްގީވެފައި ވެއެވެ. ރާއްޖެއަށް ގެންނަ މުދަލުގެ ގިނަ ބާވަތްތަކެއް އިންޑިޔާއިން ގެނެއެވެ. އަލުވި ފިޔާ، ތަރުކާރީ ފަދަ ކާބޯތަކެތީގެ ބާވަތްތަކެވެ. ޑޮކްޓަރީ ބޭހާއި ހިލަވެއްޔާއި ސިމެންތި ފަދަ އިމާރަތްކުރުމުގެ ސާމާނު ފަދަ މުދާ ވެސް މެއެވެ. މީގެ އިތުރުން، ބޭސްފަރުވާ ހޯދުމަށާއި އަދި، ކިޔެވުމަށާއި އަދި، ޗުއްޓީ ހޭދަކޮށްލުމުގެ ގޮތުން ދިވެހިން އިންޑިޔާއަށް ދެއެވެ. އަދިވެސް، އިންޑިޔާގެ ހިންދީ ފިލްމުތަކާއި ބައެއް ޓީ.ވީ. ޕުރޮގްރާމްތަކަކީ ވެސް ދިވެހިންގެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އެއްޗިއްސެވެ. ޚުދް އަޅުގަނޑު ވެސް، އަޅުގަނޑު ގެންގުޅޭ މުނިފޫހިފިލުވުމުގެ ޔޫޓިއުބު ޗެނަލްއެއްގައި، އިހުގެ ހިންދީ އަދި އެހެން ބައެއް ބަސްބަހުގެ ލަވަތައް ދިވެހި ތަރުޖަމާއާ އެކު ގެނެސްދެމެވެ. މި ޗެނަލްގެ ދިވެހި ތަރުޖަމާތައް ހާހަށް ވުރެ މައްޗަށް ގޮއްސައިވާ އިރު، އޭގެ ތެރޭގައި ގިނައީ ހިންދީ ލަވަތަކުގެ ދިވެހި ތަރުޖަމާއެވެ. އިންޑިޔާ-އައުޓޭ ގޮވާ މީހުންގެ ބޭނުމަކީ ފަހަރެއްގައި ވެސް މިފަދަ ވިޔަފާރިއާއި ސަގާފީ ގުޅުންތައް ކަނޑާލުމަށް ގޮވާލާ ގޮވުމެއް ނޫނެވެ. ޝައްކެއްނެތް ގޮތުގައި، މިފަދަ ގުޅުންތަކުން ރާއްޖެއާއި އިންޑިޔާއަށް ވެސް ފައިދާ ވެއެވެ. ރާއްޖެއަށް ޚިދުމަތްތަކެއް ލިބުމެވެ. އިންޑިޔާއަށް އޭގެ އަގު ލިބުމެވެ. ރާއްޖެއަށް އެތެރެ ކުރާ މުދަލެއް އެތެރެކުރަނީ ގަނެގެން އަގު ދައްކާފައެވެ. ހަމަ އެހެންމެ، ސިއްހީ އަދި ކިޔެވުމުގެ ޚިދުމަތް ވެސް ލިބިގަންނަނީ އެކަމަށް ދައްކަން ޖެހޭ އުޖޫރައާއި ފީތައް ދައްކާފައެވެ. ދެން، ސުއާލަކީ، ‘އިންޑިޔާ-އައުޓޭ’ ގޮވާ މީހުން އެހެން އެ ގޮވުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟

‘އިންޑިޔާ-އައުޓޭ’ ގޮވާ މީހުން އެހެން ގޮވަނީ، އެމީހުންގެ ނަޒަރުގައި، ރާއްޖެއާއި އިންޑިޔާގެ ގުޅުން މިހާރު އޮތީކީ އިހުގައި އޮތްފަދަ ގޮތަކަށް ނޫނެވެ. އެ ގުޅުން މިހާރު ބިނާވެފައި އޮތީ ހަމައެކަނި އަވަށްޓެރި ރަހުމަތްތެރިކަން ނިޔާކުރާ އިގުތިސާދީ-ތައުލީމީ-ސަގާފީ ގުޅުމެއްގެ މައްޗަކަށް ނޫނެވެ. މީގެ އިތުރުން، މި ގޮވެލި ގޮވާ މީހުން ދެކޭ ގޮތުގައި، އިންޑިޔާގެ ބޭނުމަކީ ރާއްޖެ، އިންޑިޔާގެ އަސްކަރީ ބާރުގެ ދަށުގައި ބޭއްވުމެވެ. ޝައްކެއް ނެތް ގޮތުއި މިއީ ވަރަށް ވެސް ބޮޑު ތުހުމަތެކެވެ. މިއީ އެއްވެސް ހަގީގަތެއް ނެތް، ރޯ ބުހުތާން، ބޮޑު ދޮގެއް ނަމަ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން، ކަމުގެ ހަގީގަތް ބަޔާންކޮށް، ގަވާއިދުތަކާއި ގާނޫނުތައް ތަންދޭ ގޮތެއްގެ މަތިން، އެފަދަ ދޮގުތައް ފެތުރުން ހުއްޓުވަން ޖެހެއެވެ. ކޮންމެ އަކަސް އިންޑިޔާ އައުޓޭ ގޮވާ މީހުން، އެ ކުރާ ބޮޑު ތުހުމަތުގެ މައްޗަށް ބަލާލަން ޖެހެއެވެ. އެކަމުގައި އެއްވެސް ހަގީގަތެއް އޮތްތޯ ސާފުކޮށްލުމުގެ ގޮތުންނެވެ.

ކުރިން ވެސް އިޝާރަތް ކުރިފަދައިން، އިންޑިޔާ-އައުޓުގެ ހަމަލާ ނުވަތަ ކެމްޕެއިން ގުޅެނީ އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމާއެވެ. މި ހަމަލާގެ ދެފަރާތުގައި ތިބި މީހުން ވެސް މިކަމާ ދެ ބަހެއް ނުވެއެވެ. މި ދެބައި މީހުން ވެސް، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބި ކަމާ މެދު އެއް ބަސްވެއެވެ. މިކަން، ކުރީ ކޮޅުގައި، ސަރުކާރުގެ ކަމާ ބެހޭ ފަރާތުން ދޮގު ކުރިކަމުގައި ވިޔަސް ފަހުން، ސަރުކާރުގެ ކަމާ ބެހޭ ފަރާތުން މިކަމާ އެއްބަސް ވިއެވެ. އަދި، ސަރުކާރުން، މިހާރު، ދެކި، ވަކާލާތު ކުރަނީ، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބެން ޖެހޭނޭ ކަމެވެ. އަދި، ސަރުކާރުގެ ޕާޓިގެ މީހުންނާއި ސަރުކާރަށް ތާއީދުކުރާ މީހުން ތަބާވާ ރޮނގަކީ ވެސް މިއެވެ. ސަރުކާރު ދެކޭ ގޮތަށެވެ. އަނެއް ބަޔަކު ދެކެނީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނޭ ކަމެވެ. މީގެ ތެރޭގައި ސަރުކާރުގެ ޕާޓީއާ އިދި ކޮޅު ބައެއް ޕާޓީތަކާއި އަދި އެ ޕާޓީއާ ގުޅުން ނެތް މީހުން ވެސް ހިމެނެއެވެ. ކޮންމެ އަކަސް، ކުރިން ވެސް ބުނިހެން، މި ދެބައި މީހުން ވެސް އެއްބަސްވާ ފަދައިން، އިންޑިޔާގެ ސިފައިން މިހާރު ރާއްޖޭގައި އެބަ ތިއްބެވެ. އެމީހުންގެ އަދަދު ސާފުކޮށް ބުނާކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި ކަމެވެ. އެމީހުން އިތުރުކޮށް، ރާއްޖޭގައި އެމީހުން ބޭތިއްބުމުގެ އެއްބަސްވުންތައް އެކުލަވާލެވި، އެމީހުން ބޭތިއްބުމުގެ މަރުކަޒުތައް ހެދެމުން އެބަދެއެވެ. އުތުރުގައްޔާއި ދެކުނުގައި ތިލަދުންމައްޗާއި އައްޑޫގައެވެ. އަދި މެދުރާއްޖޭގައި ލާމާއި އަދި މާލޭ ސަރަހައްދުގައި ވެސް މެއެވެ. މި މަރުކަޒުތަކަށް އަވަސް ކަޅިއެއް އެއްލާލުމުން ވެސް، އެނގެނީ މިއީ ކުރު ރާސްތާގެ މަޝްރޫއެއް ނޫންކަމެވެ. ދިގު ރާސްތާގެ މަޝްރޫއެއް ކަމެވެ. ވެގެންވާ ނަމަ، ދުވަހަކުވެސް، ރާއްޖެއިން ފައިބަން ނުޖެހޭ ފަދަ ގޮތަކަށް އިންޑިޔާގެ ސިފައިން ރާއްޖޭގައި ބޭތިއްބުމަށްޓަކައި ރޭވިގެން ހިންގޭ މަޝްރޫއެއް ކަމެވެ.

އާދެ، އިންޑިޔާ އައުޓު ހަމަލާ ހިންގެނީ މި ކަމަކާ އިދިކޮޅަށެވެ. އިންޑިޔާގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި އިދިކޮޅަށެވެ. އެކަން ހުއްޓުވުމަށެވެ. މި ހަމަލާ ހުއްޓުވުމަށް ހިންގާ ‘އިންޑިޔާ-އިން’ގެ ހަރަކާތް ގުޅެނީ އިންޑިޔާ ސިފައިން ރާއްޖޭގައި އަބަދަށް، ނޫނީ ވީ އެންމެ ދިގު މުއްދަކަށް ބޭތިއްބުމަށެވެ. މިފަދަ ބޮޑު މައްސަލައެއް ނިންމާލެވި، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމުގެ މަޝްރޫއު، މިކަމަށް ތާއީދުކުރާ މީހުންގެ ނަޒަރުގައްޔާއި އަދި ވަކިން ޚާއްސަކޮށް އިންޑިޔާގެ ނަޒަރުގައި، ކާމީޔާބީ ސިފައެއްގައި މިއަދު ނިންމާލެވިގެންދާ އިރު، މިކަމާ ގުޅޭ ތާރީޚެއް ވެސް އޮންނާނެކަން ކަށަވަރެވެ. އެހެންވެ، އެންމެ ފުރަތަމަ އެ ތާރީޚުގެ މައްޗަށް ވެސް ބަލާލަން ޖެހެއެވެ.

އިންޑިޔާގެ ދަށުގައި ރާއްޖޭ ބާއްވަން ޖެހޭނޭ ކަމުގެ އިހުސާސެއް އިންޑިޔާއަށް ވެއްޖެކަން، މި ޒަމާނުގައި، ރާއްޖެއަށް، އެންމެ ފުރަތަމަ އެނގި، ފެނިގެން ދިޔައީ 1965ގައެވެ. ރާއްޖެއަށް މިނިވަންކަން ލިބި، އެކަން، ޗައިނާއިން ގަބޫލުކުރުމާ ވިދިގެންނެވެ. އަދި، ރާއްޖެއަށް މިނިވަންކަން ލިބުމުގެ މުނާސަބަތު ފާހަގަކޮށް، ޗައިނާއިން ރާއްޖެއަށް ތަހުނިޔާއާއި މުބާރިކުބާދީ އަދާކޮށް، ރާއްޖެއާއި ޗައިނާއާ ދެމެދުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ހަރުދަނާވެ، ވަރުގަދަވެގެންދާނޭ ކަމުގެ އުއްމީދު އޮތް ކަން ފާޅުކޮށް، ރާއްޖޭގެ އޭރުގެ ބޮޑުވަޒީރަށް ޗައިނާއިން ފޮނުވި މެސެޖާ ވިދިގެންނެވެ. ޗައިނާއިން މިކަން ކުރިކަން ފާހަގަކޮށް، އިންޑިޔާގެ ކަންބޮޑުވުމާއި ނުރުހުން ދޭހަވާ ރާގެއްގައި، ބޭރު ނޫހެއްގައި ލިޔުމެއް ލިޔެވުނެވެ. އެ ލިޔުމާ ބެހޭ ވާހަކަ އޭރުގެ ދިވެހި ނޫސް ‘ވިޔަފާރި މިއަދު’ގެ 24 އޯގަސްޓު 1965ގައި ލިޔެވުނެވެ. ވިޔަފާރި މިއަދުގެ އެ ޚަބަރާ ބެހޭ ސުރުޚީ ‘އިންޑިޔާގެ ބޮލުގައި ރިހެނީބާ؟’ އަށް ބަލައިލުމުން، އިންޑިޔާގެ ފަރާތުން ލިޔުނު ލިޔުމުގެ ރޫހާއި ޚުލާސާ ވަރަށް ސާފުކޮށް، ވަރަށް ރަނގަޅަށް އަތުލައިގަނެވިފައި އޮތްތަން ފެނެއެވެ. އާދެ، ޗައިނާއާއި ރާއްޖެއާ ދެމެދުގައި އެއްވެސް ކަހަލަ ގުޅުމެއް އުފެދި، ތަރައްގީވެދާނެތީ އެކަމާ މެދު އިންޑިޔާގެ ނުރުހުމާއި ކަންބޮޑުވުން މި ސުރުޚީއަށް ބަލާލުމުން ވެސް އެނގިގެން ދެއެވެ.

މި ނަންގަތް ދެ ލިޔުމަށް ބަލައިލުމުން، ދެކަމެއް ފާހަގަކޮށްލަން ޖެހެއެވެ. އެއްކަމަކީ، ދެންމެ ނަންގަތް ފަދައިން، ޗައިނާއިން ރާއްޖެއާ މެދު މާ ގާތް ގުޅުމެއް އުފެދިދާނެތީ އިންޑިޔާ ކަންބޮޑުވާ ކަމެވެ. މި މަގާމުގައި އިންޑިޔާއާ ޗައިނާއާ ދެމެދު 1962ގައި ކުރެވުނު ހަނގުރާމައާއި އެ ހަނގުރާމައިގައި އިންޑިޔާ ބަލިވެ، ޗައިނާގެ ބާރު އިންޑިޔާގެ އަވައްޓެރި ގައުމުތަކުގެ މައްޗަށް ހިންގާލަފާނެ ކަމުގެ ބިރު އުފެދުން ހަނދާންކޮށްލަން ޖެހެއެވެ. ޗައިނާގެ ސީދާ ބާރުގެ ދަށަށް ޓިބެޓު ގެނައި ފަދައިން، ބޫޓާންއާއި ނޭޕާލުވެސް ޗައިނާގެ ސީދާ ނުވަތަ ނުސީދާ ބާރުގެ ދަށަށް ގެނައުމުގެ ބިރު އޮތެވެ. މި ދުވަސް ވަރަކީ ފިނި ހަނގުރާމައިގެ ދުވަސް ވަރަށް ވެފައި، އޭރުގެ ސޯވިއެޓ ޔުނިއަން ފަދައިން ކޮމިޔުނިސްޓު ޗައިނާ ވެސް، ކޮމިޔުނިސްޓު އަގިދާ އެހެން ގައުމުތަކަށް ފެތުރުމުގެ ބިރު އޮތެވެ.

މި ނަންގަތް ސަބަބަށްޓަކައި އިންޑިޔާ ދުށީ އިންޑިޔާގެ އަވައްޓެރި ގައުމުތައް އިންޑިޔާގެ ސީދާ ނުވަތަ ނުސީދާ ބާރުގެ ދަށުގައި ބޭއްވުމަށެވެ. އެ ގޮތުން، ސިއްކިމް އިންޑިޔާގެ ބައެއްގެ ގޮތުގައި ހަދާލެވުނެވެ. އަދި، ބޫޓާން އާއި ނޭޕާލު އިންޑީގެ ނުސީދާ ބާރުގެ ދަށަށް ގެނެވުނެވެ. ވަކިން ޚާއްސަ ގޮތެއްގައި ބޫޓާން ފާހަގަކޮށްލަން ޖެހެއެވެ. މިހާރު ބޫޓާނަކީ ސީދާ އިންޑިޔާގެ ބާރުގެ ދަށުގައި އޮތްތަނެކޭ ބުނެވިދާނެއެވެ. ސަބަބަކީ ބޫޓާން އޮތީ އަސްކަރީ، އިގުތިސާދީ އަދި ޚާރީޖީ ގޮތުން ސީދާ އިންޑިޔާގެ ނުފޫޒުގެ ދަށުގައި ކަމަށްވާތީއެވެ. (މިކަން ފާހަގަކޮށްލަން ބޭނުންވަނީ، ފެންނަ ފެނުމުގައި، އިންޑިޔާއިން ބޭނުންވާ ގޮތަކީ ރާއްޖެ ވެސް، ބޫޓާނު އޮތް ފަދަ ގޮތެއްގައި ބޭއްވުމަށް ކަމަށް ވާތީއެވެ.)

އިންޑިޔާގެ އަވައްޓެރި އެހެން ގައުމުތަކަށް ބަލާލާއިރު، ބަންގުލާދޭޝްއާއި ޕާކިސްތާނަކީ އިންޑިޔާގެ ސީދާ ނުވަތަ ނުސީދާ ބާރުގެ ދަށުގައި ބޭއްވޭނޭ ތަންތަނަކަން ނުވެއެވެ. ދީނީ އަދި ސަގާފީ ތަފާތުތަކާއި އިންޑިޔާއާ ކުރިލެވޭނޭ ކޮންމެ ވެސް ވަރެއްގެ ނަމަވެސް، އަސްކަރީ އަދި އިގުތިސާދީ ބާރެއް ވެސް އެ ދެގައުމަށް ވެސް ލިބިފައި އޮތުމުންނެވެ. ދެން އޮތީ ރާއްޖެއާއި ސިރިލަންކާއެވެ. ސިރިލަންކާގެ އަމިއްލަ ގައުމިއްޔަތަކާއި އަމިއްލަ މިނިވަންކަމަށް ލޯބިކުރާކުރުމާއި އަދި އިލްމީ ހޭލުންތެރިކަމެއް އޮތުމުން، އިންޑިޔާގެ ސީދާ ނުވަތަ ނުސީދާ ބާރުގެ ދަށަށް ސިރިލަންކާ ގެންދިޔުން އުނދަގޫވެއެވެ. ދެން، އޮތީ ރާއްޖެއެވެ. 1965ގައި ރާއްޖެއަށް މިނިވަންކަން ލިބި، ޗައިނާއިން ރާއްޖެއަށް މަރުހަބާ ކިޔުމުން، އިންޑިޔާގެ ބޮލުގައި ރިއްސާލި ހިސާބުން ފެށިގެން، އިންޑިޔާގެ ސީދާ ނުވަތަ ނުސީދާ ބާރުގެ ދަށަށް ރާއްޖެ ގެނައުމުގެ މަސައްކަތް ފެށުނެވެ.

1965ކުން ފެށިގެން، ރާއްޖެ، އިންޑިޔާގެ ބާރުގެ ދަށަށް އިންޑިޔާއިން ގެންނަން ބޭނުވި ކަމުގައި ވިޔަސް، އެކަން ކުރެވޭނޭ މާ ބޮޑު ފުރުސަތެއް އެއިރަކު ނެތެވެ. މައިގަނޑު ސަބަބަކީ އިނގިރޭސީންގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި އޭރު އޮތުމެވެ. މީގެ އިތުރުން މިފަދަ މަޝްރޫއަކާ، އެއްވެސް ހާލަތެއްގައި އޭރުގެ ބޮޑުވަޒީރު، ފަހުން، ރައީސް، މަރްހޫމު އިބުރާހިމް ނާސިރު އެއްބަސްވެވަޑައިގެން ނުވާނޭކަމެވެ. އަދި، މިފަދަ ކަމަކާ އާންމު ރައްޔިތުން ވެސް އޭރަކު އެއްބަސްވާނޭ ހެނެއް ހިޔެއް ނުވެއެވެ. ކުރީގައި ނަންގަތް ‘އިންޑިޔާގެ ބޮލުގައި ރިހެނީ؟’ މި ލިޔުމުން އާންމު ރައުޔު ހުރި މި ގޮތަކަށްކަން ކޮންމެ ވެސް ވަރަކަށް ސާފުވާނެއެވެ. ރައީސް ނާސިރުގެ ހުރިހާ ސިޔާސަތެއްގެ ޖައުހަރީ އަސްލެއް ކަމުގައި އޮތީ އެއްވެސް ހާލަތެއްގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފާނޭ އެއްވެސް ކަމެއް ނުކުރުންކަން މިތަނުގައި ފާހަގަކޮށްލަން ޖެހެއެވެ. ރައީސް ނާސިރުގެ އެންމެ އިސް އެއް ވަޒީރެއް ކަމުގައިވި މަރުހޫމު ސާދު ސީން އިބްރާހިމް ރަޝީދު، އޭނާ އަވަހާރަވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ދެއްވި އިންޓަވިޔުއަކުން މިކަން ވަރަށް ރަނގަޅަށް ހާމަ ވެގެންދެއެވެ. މަރުހޫމު ނާސިރުގެ ތަރައްގީގެ މަޝްރޫއުތައް އެކުލަވާލެވުނީ ތަނުގެ މިނިވަންކަން ނުގެއްލޭ ފަދަ ގޮތެއްގައި ތަނުގެ ފޯރުންތެރިކަން ނިޔާ ކުރާ ގޮތެއްގެ މަތިން ކުރިއަށް ގެންދިޔުމުގެ މައްޗަށެވެ. މި ނުކުތާ ފާހަގަކޮށްލުމުގެ ބޭނުމަކީ ރައީސް ނާސިރުގެ ހުރިހާ ސިޔާސަތުތައް ރަނގަޅު ކުރުމެއް ނޫނެވެ. ނަމަވެސް، އެ ދުވަސް ވަރު، ފަސްދޮޅަހާއި ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި، އިންޑިޔާ ބޭނުންވާ ގޮތަކަށް، ރާއްޖެއަށް ބާރު ފޯރުވުމުގެ މަގުފަހިވާ ގޮތް ހެދެން ނެތްކަން ބަޔާންކޮށް ދިނުމުގެ ގޮތުންނެވެ. (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ