ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ މީހަކު ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އެ އަމުރު ސަސްޕެންޑްކޮށް، އެ މީހާ ދޫކޮށްލަން އައްޑޫ ހިތަދޫ ކޯޓުން އަމުރު ނެރެފި އެވެ
ހައި ކޯޓުގެ އަމުރު ތިން މަހަށް ސަސްޕެންޑް ކުރުމަށް ފަހު ރުޝާން ބަންދުން ދޫކޮށްލަން އިއްޔެ އަމުރު ނެރުއްވީ ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދެވެ. އެ އަމުރުގައިވާ ގޮތުން ޝަރުތުތަކާ އެކު، އޭނާ ބަންދުން ދޫކޮށްލީ ބޭސްފަރުވާއަށެވެ.
ރުޝާން އަހުމަދު ދީދީ މިހާތަނަށް ހުރީ ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އޮކްޓޫބަރު، 2020 ގައި އަމުރު ނެރުނީ ވެސް ހިތަދޫ ކޯޓުން އޭނާ ދޫކޮށްލުމުންނެވެ.
ގާނޫނު އޮންނަ ގޮތުން މަތީ ކޯޓެއްގެ އަމުރެއް ސަސްޕެންޑް ކުރުމުގެ ބާރެއް ދަށު ކޯޓުތަކަކަށް ނޯވެ އެވެ. އަދި މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުން ދަށު ކޯޓުތަކަށް ގާނޫނީ ގޮތުން ލާޒިމެވެ.


