ޢާންމު ތަނެއްގައި އިންޑިއާ އައުޓް ލިޔެގެން ށ.ފޭދޫން ދެ ޒުވާނަކު ހައްޔަރުކޮށްފަައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރީނދޫ ކުލަ ލާފައިވާ ށ. ފޭދޫ ޢާންމު ތަނެއްގެ ފާރުގައި އިންޑިއާ އައުޓް ޖެހިކަމަށް ބުނެ، އިއްޔެގެ ވަގުތެއްގައި އެ ރަށުގެ ދެ ޒުވާނަކު ހައްޔަރުކޮށް، ރޭ ހަތަރުދަމު ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގައި ރަހީނުކޮށްފައި ބޭތިއްބުމަށްފަހު، މިއަދު ކޯޓަށް ގެންގޮސް އެމީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.
ޢިމާރާތެއްގެ ފާރެއްގައި މާތްވެގެންވާ އިސްލާމް ދީނާއި ޤާނޫނުއަސާސީއާއި ޚިލާފު ނުވާ އެއްޗެއް ލިޔުން ނުވަތަ އެފަދަ ޝުޢޫރެއް ދުލާއި ގަލަމުން ފާޅުކުރުމަކީ ޤާނޫނުތައް ހުއްދަ ކުރާ ކަމެއް ކަމަށް އިދިކޮޅުން ބުނެ އެވެ. އަދި އެފަދަ ކަމެއް މަނާކުރާ އެއްވެސް ޤާނޫނެއް ނެތް އިރު، އެފަދަ ޝުޢޫރެއް ޢާންމު ތަނެއްގައި ބަޔަކު ލިޔުން އެއީ މުޖުތަމަޢުއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެކި ހައްޔަރުކޮށް މުއްދަތު ޖަހާ ހިލިހިލާ ޖަހަގެން ގެންގުޅުން މިއީ އެއްވެސް ހާލެއްގައި ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ބުނެ އެވެ.
“އިންޑިއާ ސަރުކާރުން ބޭނުންހާ ގޮތެއް ހަދާ، އިންޑިއާގެ އަސްކަރިއްޔާއަށް މިފަސްގަނޑުން ޖާގަ ދީ، ޤައުމުގެ އަގު ބޮޑެތި ހަޒާނާ އިންޑިއާއަށް ވިއްކާލައިގެން ތިބެ، އެ ފަރާތްތަކާއި އިދިކޮޅަށް ބަސް ބުނާ ކޮންމެ މީހަކު ރަހީނުކޮށް ހިލހިލާ ޖަހައިގެން އަނިޔާ ކުރެވިދާނެ ކަމަށް އެމްޑިޕީއަށާއި އެމްޑީޕީގެ ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއް” އެ ބަޔާނުގައި ވެ އެވެ.
އިދިކޮޅުން ވަނީ ޢާންމު ތަނެއްގައި އިންޑިއާ އައުޓް ޖެހި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ދެ ޒުވާނުން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާފަ އެވެ. އަދި މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް ހިޔުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ގޮވާލާފަ އެވެ.


