ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާންގެ ޖަނާޒާ ބާއްވައިފި އެވެ.
އީމާންގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ. އީމާންގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެ އެވެ.
އީމާން ނިޔާވެފައިވާ ކަމަށް އޭޑީކޭ އިން ނިންމާފައިވަނީ މިއަދު ހެނދުނު 07:42 ގަ އެވެ. އީމާން ނިޔާވީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުންދަނިކޮށެވެ.
މިދިޔަ އާދީއްތަ ދުވަހު އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭގައި އީމާން ދުއްވަމުންދިޔަ ސައިކަލު ބަމްޕަރެއް މައްޗަށް އެރިވަގުތު ކަހާލައިގެންނެވެ.
އެކްސިޑެންޓަށްފަހު އީމާން ފުރަތަމަ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެހެންނަމަވެސް ފަހުން ވަނީ އޭޑިކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.


