ދޫނިތައް މަރާލި ގޮތުގެ ރިޕޯޓް ރައީސަށް ފޮނުވައިފި

ޚަބަރު ފަހުގެ

ގަވައިދާ ހިލާފަށް ރާއްޖެ އަށް އެތެރެކުރުމުން ސަރުކާރުން ހިފެހެއްޓި ދޫނިތައް މަރައިލި މައްސަލަ ހިނގައިދިޔަ ގޮތުގެ ތަފުސީލު ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާފައިވާ ކަމަށް ފިޝަރީޒް، އެގްރިކަލްޗަރު މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އެތެރެކުރި ގުރާ އާއިލާގެ އެކި ވައްތަރުގެ 120 ދޫނީގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓްގެ “ނިއާ ތްރެޓެންޑް” ކެޓަގަރީގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނުވަތަ އެމެޒޯނާ ފެރިސޯނާގެ 10 ދޫނި ހިމެނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ދޫނިތައް ރާއްޖެ އެތެރެކުރި މުއްދަތުން ފެށިގެން ހަތަރު މަސް ވަންދެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކަރަންޓީނު ފެސިލިޓީގައި ބޭތިއްބުމަށް ފަހު، އިންޖެކްޝަން ޖަހައިގެން ދޫނިތައް މަރައިލި މައްސަލަ ހޫނުވީ ވީޑިއޯތަކެއް އާންމުވުމުންނެވެ. އެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން، ރައީސް އެންގެވީ އެކަން ހިނގާފައިވާ ގޮތުގެ ތަފުސީލީ ރިޕޯޓެއް ހުށަހެޅުމަށެވެ.

އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ވިދާޅުވި ގޮތުގައި ދޫނިތައް މަރައިލި މައްސަލަ ހިނގައިދިޔަ ގޮތުގެ ރިޕޯޓް ރައީސްއާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް ރިޕޯޓްގައި ހިމެނޭ ކަންކަން ހާމަކުރައްވާނީ އެ މައްސަލައާ ގުޅިގެން ވަކި އެއްޗެއް ރައީސް އޮފީހުން ފާހަގަކުރެއްވުމުން ކަމަށް މިނިސްޓްރިން ވިދާޅުވިއެވެ.

ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ދިރޭތަކެތި ނައްތައިލުމުގެ ގޮތުން މެރުމަކީ ކުރިން ވެސް ރާއްޖޭގައި އަމަލުކުރަމުން އައި ގޮތެވެ. މި ފަހަރު މައްސަލަ ހޫނުވީ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވި ހިސާބުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ