ޔޫކްރޭނުގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ އައިސްފައިވާ ދިވެހި ދަރިވަރުންނާއި ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން މިއަދު ބައްދަލުކުރައްވައިފި އެވެ.
އެކަމަށްޓަކައި މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދޭ ކަމަކީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.
އެގޮތުން މިނިސްޓަރު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސަރުކާރުގެ ވުޒާރާތަކުން ދަރިވަރުން ރާއްޖެ ގެނައުމަށް ވެދެއްވި އެހީތެރިކަމަށް އެފަރާތްތަކަށް ޝުކުރު ވެސް އަދާކުރައްވއިފަ އެވެ. ބައްދަލުވުމުގައި ދަރިވަރުން ވެސް ވަނީ މިނިސްޓްރީން ވެދިން އެހީތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ.
ހަޔާ އެޑިއުކޭޝަން ނިސްޓްރީން ވަނީ ޔޫކްރެއިންގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި ފޯރުކޮށްދޭން ޖެހޭ މާލީ އެހީތެރިކަން ހުރިހާ ދަރިވަރުންނަށް ވެސް ފޯރުކޮށް ދީފަ އެވެ.
ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާ ދޭން ފެށި އިރު އެ ގައުމުގައި 51 ދަރިވަރަކު ތިއްބެވެ. އޭގެ ތެރެއިން 30 ދަރިވަރަކު ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެ އައިސްފައިވެ އެވެ. ބާކީ ތިބި 21 ދަރިވަރުންގެ ތެރެއިން 15 ދަރިވަރަކު ހޯމަ ދުވަހު ރާއްޖެ އައިސްފައިވެ އެވެ. އަދި ބާކީ ތިބި ހަ ދަރިވަރުންނާއި އާއިލާ މާދަމާ ރާއްޖެ އަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. .


