އެކި ދުވަސްމަތިން ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އެއްލައްކަ އަށްވުރެން ގިނަ ރުފިޔާގެ މުދާ ނަގާފައިވާ މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
އިއްޔެ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށް ފުލުހުން ބުނެއެވެ. އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ޒުވާނާ ހުޅުމާލޭގެ އެ ފިހާރައިން ނެގި ތަކެތީގެ ތެރެއިން އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ އިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


