ރަޝިއާގައި ފޭސްބުކް ބްލޮކް ކުރަން ނިންމައިފި އެވެ.
ރަޝިއާގެ ކޮމިއުނިކޭޝަން އެޖެންސީން މިރޭ ބުނީ ފޭސްބުކަށް ނުވަދެވޭ ގޮތް ހެދީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ރަޝިއާ އަށް ނިސްބަތްވާ މީޑިއާތަކާ މެދު ގެންގުޅޭ ތަފާތުކުރުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މިފަދަ 26 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން ފާއިތުވި ދުވަސްތަކުގައި ވެސް ރަޝިއާގެ ބައެއް މީޑިއާ ޗެނަލްތަކަށް ފޭސްބުކް އިން ތަފާތު އެކި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެ އެޖެންސީން ބުނެ އެވެ.
ރަޝިއާ އިން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން މިއަދު ވަނީ އެގައުމުގެ އަސްކަރިއްޔާއާ ގުޅޭގޮތުން ދޮގު ހަބަރު ފަތުރާ ފަރާތްތައް 15 އަހަރަށް ޖަލަށްލެވޭނެ ފަދަ ގާނޫނެއް ފާސްކޮށްފަ އެވެ.


