ރަޝިއާގެ ގައުމީ އެއާލައިން ކަމަށްވާ “އެރޮފްލޯޓުން” ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލަން ނިންމައިފި އެވެ.
އެރޮފްލޯޓުން ބުނީ ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެންނެވެ. ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލި ނަމަވެސް ބެލަރޫސްގެ ވެރިރަށް މިންސްކް އަށް ދަތުރުތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
އެރޮފްލޯޓުގެ ދަތުރުތައް މެދުކަނޑާލަން ނިންމިއިރު ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މިހާރުވެސް ފަތުރުވެރިން އަންނަނީ ރަޝިއާ އިންނެވެ. އެގޮތުން އެރޮފްލޯޓަކީ ރާއްޖެ އާއި ރަޝިއާއާ ދެމެދު ސީދާ ޝެޑިއުލް ދަތުރުތައް ކުރާ ހަމައެކަނި އެއާލައިން ވެސް މެ އެވެ.
އެރޮފްލޯޓްގެ އިތުރުން ރަޝިއާގެ ރޮސިޔާ އަދި އައުރޯރާ އެއާލައިނުން ވެސް ވަނީ ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލަން ނިންމާފަ އެވެ.
ރަޝިއާ އިން ޔުކްރޭނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުންނާއި އެމެރިކާ އިން ވަނީ ރަޝިއާ އަށް ދަތިކުރުމުގެ ތަފާތު އެކި ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން ގިނަ ގައުމުތަކުން މިހާރު ވަނީ ރަޝިއާގެ އެއާލައިންތަކަށް އެގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.
މި ފިޔަވަޅުތަކުގެ ރައްދުގައި ރަޝިއާ އިން ވެސް ވަނީީ ޔޫރަޕްގެ ގިނަ ގައުމުތަކަށް އެގައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން މަނާކޮށްފަ އެވެ.


