ފުވައްމުލަކު ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދޭނަން: ރައީސް

ޚަބަރު ފަހުގެ

ފުވައްމުލަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީގެ ތަރައްޤީއާއި ކުރިމަގަށް ސަރުކާރުން ހިންގަމުންދާ މަޝްރޫޢުތަކާ، ސަރުކާރުން ގެންގުޅޭ ތަސައްވުރާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެސިޓީގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލައް ސިޓީ ތަމްސީލުކުރައްވާ މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި ފުވައްމުލައް ސިޓީގެ ކައުންސިލް މެންބަރުން ވަނީ އެ ސިޓީގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސްއާ ހިއްސާ ކުރައްވާ، އެ ސިޓީގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ ދުވެލި ހަލުވިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން އެ ބޭފުޅުން ފާހަގަކުރެއްވި ބައެއް މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރާއި މަގު ހެދުމުގެ މަޝްރޫޢުތަކާއި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާވާފައިވާ މަޝްރޫޢު ހިމެނެއެވެ.

ފުވައްމުލަކުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް މިހާރު ކުރިއަށްގެންދާ މަޝްރޫޢާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކައުންސިލް މެންބަރުން ވަނީ، އެ މަސައްކަތްތަކާ ގުޅިގެން އެ ސިޓީގެ އިތުރު މަގުތަކެއް ހެދުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. ކައުންސިލް މެންބަރުން ފާހަގަކުރެއްވި ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭ ގޮތުން ރައީސް ވަނީ، އެ ކަމަށް އެދެވޭ ހައްލެއް ހޯދައިދެއްވުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، ކުނީގެ މައްސަލަ ހައްލުކުރުމާއި، އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެ ސިޓީގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މުހިންމުކަމާއި، ކުށްކުރުން މަދުކުރުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި، ކައުންސިލުގެ މާލީ ބާރުވެރިކަން އިތުރުކޮށް އާމްދަނީ އިތުރުކުރެވޭނެ މަގުފަހިކުރުމުގެ އިތުރުން ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރިމަތިވާ ދަތިތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ހިންގަމުންދާ އެކިއެކި މަޝްރޫޢުތަކުގައި ލޯކަލް ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވާ ކަމަށާއި، އެ ކަމަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި، މިބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ