ޣިޔާޘުއްދީން ސްކޫލުގައި ބޭއްވި ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

ޚަބަރު ފަހުގެ

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ރޯޑް ޕޮލިހާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށްގެންދާ ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައިވާކަމށް ފުލުހުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދަރިވަރުންގެ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި، ޓްރެފިކް ބެލެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މާލެ ސިޓީ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ދެއްކެވި ވާހަކައިގައި، ފުލުހުން ކުރަމުންދާ މަސައްކަތަށް ދަރިވަރުން އިސްނަގައިގެން ނުކުންނާތީ ދަރިވަރުންނަށް އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި ދަރިވަރުންނަކީ މިފަދަ ކަންކަން ދަސްކޮށް އޭގެ ބޭނުން އަމަލީގޮތުން ހިފާ ނަމޫނާ ދަރިވަރުންތަކަކަށް ވުމަށާއި، ޓްރެފިކް މޮނީޓާސް ޕްރޮގްރާމުން ދަސްވި ކަންކަން އެހެން ދަރިވަރުންނަށް ބުނެދީ މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި ވެސް އެކަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައި ގެންނެވިއެވެ.

އޭގެ އިތުރުން، އެއްގަމު އުޅަނދު ދުއްވުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައިވެސް ދަރިވަރުންނަށް ނަމޫނާ ދައްކައި ނަމޫނާ ބަޔަކަށް ވުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އާންމުންނާ މުއާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމަށް މައުލޫމާތުދިނުމުގެ އިތުރުން ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތު ކުރުމުގެ ހުނަރުތައްވެސް ވަނީ ދަސްކޮށްދީފައެވެ.

ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން މާރޗް 2 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 25 ދަރިވަރުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވެއެވެ.

2014 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގައި މާލެއިން 476 ދަރިވަރުންނާއި އަތޮޅު ތެރެއިން 999 ދަރިވަރުން ހިމެނޭހެން ޖުމްލަ 1475 ދަރިވަރުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ