ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ބޭފުޅުން އައްޔަންކޮށް އަލުން އެކުލަވާލާފައިފިއެވެ.
ރައީސް އޮފީހުން ބުނީ ޤައުމީ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާގުޅިގެން، ރައީސް ސާލިހް އަލުން އެކޮމިޓީ އެކުލަވާލައްވާފައިވާ ކަމަށެވެ.
އެގޮތުން އަލުން އެކުލާވާލާފައިވާ ކޮމިޓީގެ ޗެއަރޕަރސަނަކަށް ހަމަޖެއްސެވީ، ކުރިންވެސް އެ މަގާމުގައި ހުންނެވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ. އެ ކޮމިޓީއަށް އަލަށް އައްޔަނު ކުރެއްވި ބޭފުޅުންނަކީ، މައްޗަންގޮޅީ މާފުނަ މުހައްމަދު އިސްމާއިލްފުޅާއި، މައްޗަންގޮޅީ ކަޝްމީރުވާދީ އިބްރާހީމް ހުސައިން މަނިކާއި، މާފަންނު ދިޖުލަތު ކޯރު ޙަފީޡާ އިބްރާހީމާއި، މާފަންނު އަލިހަނދުވަރުގޭ އަޙްމަދު ޝުޖާޢެވެ.
މިބޭފުޅުންގެ އިތުރުން، އެ ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާއީލް އަލީއާއި، ރައީސް އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސް ހުސައިން އާމިރާއި، މާފަންނު މާހިޔާ ރަހީމާ އާދަމާއި، ހެންވޭރު އިރުވައި އާމިނަތު ނާޒެވެ.
ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމްއިއްޔާ، ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ މަޤްސަދުގައި ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ އިނާމެކެވެ.
ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.
މީގެ އިތުރުން، ގައުމީ އިނާމާބެހޭ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރުމުގެ އިނާމަށް ހުށަހަޅުއްވާ ބޭފުޅުންގެ ޚިދުމަތުގެ މައްޗަށް ބައްލަވައި، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތްވެސް ހިމެނެއެވެ.


