ސާބިތުވާ މިންވަރަށް ހެކި ނެތުމުން ޖައިލަމް މަރައިލިކަމުގެ ތުހުމަތުވާ މީހުން ދޫވެއްޖެ

ޚަބަރު ފަހުގެ

މީގެ ހަތް އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވެ، މިއަދު އެމީހުން ސަލާމަތް ވެއްޖެއެވެ.

ފެބްރުއަރީ، 2015 ގައި ދަރުބާރުގެ ކައިރީގައި ޖައިލަމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ ދައުވާލިބޭ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. ދައުވާލިބޭ ނަސީބު ސައީދާއި އަނީގުގެ އިތުރުން އިރުފާނާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއަކު ކަމަށާއި ދެން ތިބި ހުރިހާ ހެކިންނަށް އެ މީހުން އެ ހާދިސާ ހިނގި ސަރަހައްދުން ފެނިފައި ނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި މަންޒަރު ދުށް ކަމަށް ބުނި ހެކިވެރިޔާ ވެސް، ފަހުން ހެކިބަސް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށް ގާޒީ ޝަފީއު ވިދާޅުވިއެވެ.

އެ ސިޓީގައި ހެކިވެރިޔާ ބުނެފައިވާ ގޮތުން ކުރިން އެގޮތަށް ހެކިބަސް ދިނީ މަސްތުވެގެން ހުއްޓާ ފުލުހުންގެ އެދުމުގެ މަތިންނެވެ. އެކަން ކަށަވަރު ކުރަން ކޯޓުން މަސައްކަތް ކުރިޔަސް، އޭނާ ހާޒިރެއް ނުކުރެވުނެވެ. އޭނާއަކީ ވައްކަމުގެ ދެ ކުށެއް ސާބިތުވެފައިވާ މީހެކެވެ.

ގާޒީ ވިދާޅުވީ އެ ހެކިވެރިޔާ ތަހުގީގުގައި ނުދައްކާ ވާހަކަތަކެއް ވެސް އޭނާގެ ހެކިބަހުގައި ބުނެފައިވާ ކަމަށެވެ. އަދި ހެކިބަހުގައި ދައްކާފައިވާ ވާހަކަތަކަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ. އަދި އޭނާގެ ވައްކަމުގެ ދެ ކުށެއް ސާބިތުވެފައި އޮތުމާއި މަސްތުގެ ހާލަތުގައި ހުރެ ހެކިބަސް ދިން ކަމަށް ބުނެ ފަހުން ސިޓީ ފޮނުވި ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ދައުލަތުން 16 ހެކިވެރިން ވަނީ ހުށަހަޅާފައެވެ. ނަމަވެސް އޭގެތެރެއިން 11 ހެއްކަކު ކޯޓަށް ހާޒިރުނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ. އެ މީހުން ހާޒިރު ކުރަން އެކިފަހަރު މަތިން މަސައްކަތް ކުރުމުން ވެސް އެ މީހުން ހާޒިރު ނުކުރެވޭތީ އެ މީހުން ތަހުގީގަށް ދިން ބަޔާންތަކަށް ކޯޓުން ރިއާޔަތް ނުކުރެއެވެ. އަދި ސަރަހައްދުން ފެނުނު ފިންގަ ޕްރިންޓާއި ޑީއެންއޭ ވެސް ދައުވާ ލިބޭ މީހުންނާ ގުޅުވޭނެ ފޮރެންސިކް ހެއްކެއް ފެނިފައި ނުވާ ކަަމށް ގާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން މާލޭގެ އެކި ސަރަހައްދުގެ ވީޑިއޯ ފުޓޭޖްތަކެއް ދައުލަތުން ހުށަހެޅިޔަސް، އޭގެ ޗެއިން އޮފް ކަސްޓަޑީއެއް ހުށަހަޅާފައި ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންވުމުން އެއީ ކޮން ތަނަކުން ނެގި އެއްޗެއް ކަން ކަށަވަރު ނުކުރެވޭނެ ކަމަށާއި އަދި އެ ވީޑިއޯ ތަހުލީލު ރިޕޯޓް ހެދުމަށް ފޮރެންސިކާ ހަމައަށް ދިޔަ އިޖްރައާތުގެ ސައްހަކަން ކަށަވަރު ނުކުރެވޭ ކަމަށް ގާޒީ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ