ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތަކުގެ ތެރެއިން ޤަވާއިދުން ނެރެމުންނުދާ 47 ނޫސްމަޖައްލާއެއް އުވާލައިފިއެވެ.
ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނީ ނޫސްމަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކުގެ ތެރެއިން ގަވާއިދުން ނެރެމުން ނުދާ 47 ނޫސް މަޖައްލާއެއް އުވާލައިފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީގެ އިއުލާނުގައި ގަވާއިދުން ނެރެމުން ނުދާތީ އުވާލާފައިވާ 47 ނޫހުގެ ނަމާ އެ ނޫހެއްގެ މަސްއޫލުވެރިންގެ މައުލޫމާތުތައް ހިމަނާފައިވެއެވެ.
ގަވާއިދުން ނެރެމުން ނުދާ ނޫސްމަޖައްލާތައް އުވާލާނެ ކަމަށް ބުނެ ހޯމް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އިއުލާނެއް ކޮށްފައެވެ. އެ އިއުލާނާއެކު ބައެއް ނޫސްމަޖައްލާތަކުގެ ނަންތައް ހޯމް މިނިސްޓްރީން ހާމަކުރިއެވެ.
އެ ނޫސްތަކަކީ ގަވާއިދުން ނެރެމުން ނުދާ ކަމަށް ހޯމް މިނިސްޓްރީ އަށް ފާހަގަކުރެވިފައިވާ ނޫސްމަޖައްލާތަކެވެ. އަދި އެ ލިސްޓުގައި ހިމެނޭ އެއްވެސް ނޫހެއް ގަވާއިދުން ނުނެރޭ ނަމަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ނޫސް މަޖައްލާގެ ދަފްތަރުން އުނި ކުރެވިގެން ދާނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ.
އެއްވެސް މަގުބޫލު އުޒުރެއް ނެތި ރަޖިސްޓްރީ ކުރެވިފައިވާ ނޫސްމަޖައްލާއެއް ޖެހިޖެހިގެން ތިން ފަހަރު ނުނެރެވިއްޖެ ނަމަ އެ ނޫސްމަޖައްލާއެއް އުވާލެވޭނެ ކަމަށް ނޫސް މަޖައްލާއާ ބެހޭ ގަވާއިދުގައި ބުނެފައިވެއެވެ.


