އއ. މަތިވެރީގައި ގާއިމުކުރި އައުޓްޑޯ ވޮލީ ކޯޓު، ސްޕޯޓްސް މިނިސްޓަރު އަޙުމަދު މަހުލޫފު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
އެ ކޯޓު ހުޅުވުމަށް އިއްޔެ ހަވީރު މަތިވެރީ ވޮލީ ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މަހުލޫފުގެ އިތުރުން، ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) އާއި ނައިބު ރައީސް އަޝްރަފް ޢަލީ އާއި ވޮލީ ބޯޅަ ލެޖެންޑް ސައްޔިދު ޢަލީގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައު މަހްލޫފު ވިދާޅުވީ، މަތިވެރީގައި މިފަދަ ކޯޓެއް ގާއިމުކުރެވުނީ ދާއިރާގެ މެންބަރާއި، ކައުންސިލް އަދި ޒުވާނުންގެ ވަރަށް ބޮޑު މަސައްކަތަކާއެކުކަމަށެވެ. މިއީ މިހާތަނަށް މި ސަރުކާރުން ނިންމާލި ހަތަރު ވަނަ ވޮލީ ކޯޓުކަމާއި، މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 50 ވޮލީ ކޯޓު ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ކުޅިވަރަށް ކޮށްދެނީ ކޮން ކަންތައްތަކެއްތޯ ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާ ކަމަށާއި ހަމައެކަނި ނިމިފައިވާ ވޮލީ ކޯޓުތަކާއި އެކިއެކި މަރުހަލާތަކުގައި ހުރި އައުޓްޑޯ އަދި އިންޑޯ ވޮލީ ކޯޓުގެ މަަސައްކަތްތަކަށް ބަލާލުމުން ވެސް މި ސަރުކާރުން ކުޅިވަރަށް ބަދަލުތަކެއް ގެނެސްފިކަން ސާބިތުވާނެކަމަށެވެ.
ވޮލީ ކޯޓު ހުޅުވުމަށްފަހު ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމާއި މަތިވެރީ ޓީމަކާ ދެމެދު ވޮލީ މެޗެއް ކުޅުނެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ގައުމީ އަންހެން ޓީމެވެ.
މި ކޯޓު ގާއިމުކުރުމަށް ސަރުކާރުގެ ބަޖެޓުން 851،200 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.


