ޔޫއެސް އެއިޑްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް މޯލްޑިވްސް އިފްތިތާހު ކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި މިކަން އިފްތިތާހްކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމުތަކަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އެންމެ ފުރަތަމައަށް އަދި އެންމެ ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ގައުމުތައް ކަމަށެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ މި ޕްރޮޖެކްޓަކީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލިއްޔަތު ކަމާއި އުފެއްދުންތެރިކަމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ފަހި ވިސްނުމާއި އިތުރު ހިޔާލުތައް ހިއްސާކުރުމަށް ލިބިގެންދާ އިތުރު ފުރުސަތަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަދި ޔޫއެސް އެއިޑްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް ދިވެހިރާއްޖޭގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ލިބޭނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.
މި ޕްރޮޖެކްޓްގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެ މޫސުމީ ބަދަލުތަކާއި ކުރިމަތިލާއިރު، މި ޕްރޮޖެކްޓަކީ އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ލިބޭ އަގުހުރި ފައިދާކުރުވަނިވި ޕްރޮޖެކްޓެއް ކަމާއިމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.


