ހަނިމާދޫ ސްކޫލް ދަރިވަރުންނަށް ޅެން ހަދަން ދަސްކޮށްދިނުމުގެ ޙަރަކާތެއް ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލް ދަރިވަރުންނަށް ޅެން ހަދަން ދަސްކޮށްދިނުމުގެ ހަރަކާތެއް، ރޭ ހަނިމާދޫ ސްކޫލްގައި ފަށައިފިއެވެ.

ހަނިމާދޫ ސްކޫލްގެ ގުރޭޑް 8،7 އަދި 9 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ ހދ އަތޮޅުގެ މަޝްހޫރު ޒުވާން ޅެންވެރިއެއް ކަމަށްވާ، ޢިއްޒާ ޢަހްމަދު ނިޒާރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޢިއްޒާ އަކީ 2021 ވަނަ އަހަރު، އޭޝިއާސް އައުޓްސްޓޭންޑިންގ ޕޮއެޓްރީ ރައިޓަރ އެވޯޑް، އަދި ހަމަ އެ އަހަރު ދިވެހި ބަހާ ޘަޤާފާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޒުވާނުންގެ އެވޯޑް ޙާޞިލް ކުރައްވާފައިވާ އަރަމުން އަންނަ ހުނަރުވެރި ޅެންވެރިއެކެވެ.

ދަރިވަރުންގެ ހިތްތަކުގައި ދިވެހި ޅެންވެރިކަމާމެދު ޝައުޤު އުފައްދައި، ދިވެހި ޅެންވެރިކަމުގެ ގުލްޒާރަށް ޒުވާން ޅެންވެރިން ތަކެއް ނެރުމުގެ މަޤުޞަދުގައި ކުރިޔަށްގެންދާ މި ޙަރަކާތަކީ، ހަނިމާދޫ ސްކޫލްގެ ދިވެހި ކްލަބް “އަދަބީ ދިރުމުގެ” އިސްނެގުމާއެކު، ކުރިޔަށް ގެންދާ ޙަރަކާތެކެވެ. ޅެންވެރިޔާ ޢިއްޒާ އަޙްމަދު ނިޒާރު، ހިލޭސާބަހަށް ކިޔަވައި ދެއްވާ މި ޕްރޮގްރާމް ކުރިއަށް ދާނީ، މިމަހުގެ 17 އިން 19 ވަނަ ދުވަހުގެ ނިޔަލަށްކަމަށް، އެ ކްލަބުން “ގޮއްކޮޅަށް” މަޢުލޫމާތު ދެއްވާފައި ވެއެވެ.
މި ޕްރޮގްރާމްގައި މުޅިޖުމްލަ 52 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 16 ފިރިހެން ދަރިވަރުންނާއި، 36 އަންހެން ދަރިވަރުންނެވެ.

މި ޚާއްޞަ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނާ މުޚާޠަބުކޮށް ވާހަކަ ދައްކަވަމުން، ހަނިމާދޫ ސްކޫލް ޕްރިންސިޕަލް ޢަބްދުލް މުޙްސިން ޢަބުދުއްލަޠީފް ވިދާޅުވީ، މިއީ މިކަމަށް އެދި އެދި ތިބި މި ސްކޫލްގެ ދަރިވަރުންނަށް ލިބިގެންދާ ރަނުގެ ފުރުޞަތެއްކަމަށާއި، މި ޕްރޮގްރާމްގެ ހަތް ދަންފަޅި ނިމިގެން ދާއިރު ކުދިކުދި ޅެންވެރިން ތަކެއް އުފެދިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ދަރިވަރުން އުފައްދާ ޅެންތައް ބޭނުންކޮށްގެން، “ހަނިމާދޫ ސްކޫލްގެ ޅެން ފޮތެއް” ނެރުމަށް ރޭވިފައި ވާކަމަށާއި، މި ފުރުޞަތުގެ ބޭނުން، އޭގެ އެންމެ ހެޔޮގޮތުގައި ހިފުމަށް ދަރިވަރުންނަށް ނަޞޭޙަތްތެރި ވެ ލެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ