ޤިޔާމަތް ކައިރިވުމުގެ ޢަލާމާތެއްކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައިވާ އެއް ޢަލާމާތަކީ އުސް ޢިމާރާތްތައް ހެދުމުގައި މީސްތަކުން އެއްބަޔަކު އަނެއްބަޔަކާއި ވާދަކޮށް ކުރިހޯދުމެވެ. މިއަދުގެ ދުނިޔޭގައި އެއްބަޔަކު އަނެއްބަޔަކާއި އެބައެއްގެ ޢިމާރާތްތަކުގެ އުސްކަމާއި މޮޅުކަމުގެ މައްޗަށް ފަޚުރުވެރިވެ ވާދަކުރަމުން ދިއުމަކީ ޢަޅުގަނޑުމެންނާއި ޤިޔާމަތާއި ކައިރިވެފައިވާ މިންވަރު ހާމަކޮށްދޭ ޢަލާމާތެކެވެ. މީގެ އިތުރުންވެސް އިންސާނީ މުޖުތަމަޢް ވަނީ މާއްދީ ތަފާތު ކަންކަމުގައި އެއްބަޔަކު އަނެއްބައެއްގެ މައްޗަށް އިސްވެ ކުރިއެރުމުގައި ޣާފިލްވެފައެވެ. މުދާ އެއްކުރުމާއި، ޒީނަތްތެރިކަމާއި، އާދަޔާއި ޚިލާފް ރިކޯޑްތައް ހެދުމާއި، ބުރުސޫރައާއި ފެޝަންތަކާއި، އީޖާދުތަކާއި، އުފެއްދުންތެރިކަމާއި، ޖާހާއި މަންސަބު އަދި ދިފާއީ ބާރުވެރިކަމުގައި އެއްޤައުމަކުން އަނެއް ޤައުމެއްގެ މައްޗަށް، އެއް ޖަމާޢަތަކުން އަނެއް ޖަމާޢަތެއްގެ މައްޗަށް، އަދި ދޭދޭ ފަރުދުންވެސް އެކަކު އަނެކެއްގެ މައްޗަށް އިސްވެ ކުރިހޯދުމަށްޓަކައި ދަނީ ވާދަކުރަމުންނެވެ. އަދި އިސްލާމީ މުޖްތަމަޢްވެސް މިއަދު ވަނީ މިދެންނެވި މާއްދީ ވާދަވެރިކަމުގައި މަސްތުވެފައެވެ.
ﷲ ތަޢާލާގެ ވަހީބަސްފުޅުގައި ވެއެވެ. وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ﴿البقرة: ٣٠﴾ ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ “
އެހިނދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ ﴿البقرة: ٣٠﴾ އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.”
އިންސާނާ ޚަލްޤުކުރެއްވި އިރުވެސް އޭނާ ބިންމަތީގައި ފަސާދަކޮށް ލޭއޮރުވާނޭކަން ﷲ ސުބްޙާނަހޫ ވަތަޢާލާ މޮޅަށް ދެނެވޮޑިގެން ވެއެވެ. އެހެނެއްކަމަކު މީސްތަކުން ނެތުމުގެ ތެރެއިން ޙަޔާތަށް ގެންނަވައި އަލުން މަރުގެންނެވުމުގައި އެއިލާހު ވަނީ ވަރަށް މަތިވެރި ޙިކްމަތެއް ލައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ﴿الملك: ٢﴾ އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ.
އިންސާނީ ދިގު ތާރީޚުގެ ސަމާވީ އުންމަތްތަކުން ވަނީ އެއިލާހުގެ އޭނާ ޚަލްޤުކުރެއްވި ހިކްމަތުގެ މިސާލު ދައްކާފައެވެ. އަނިޔާވެރިކަމާއި ފަސާދައިގައި ގެއްލި ހަލާކުވެގެންގޮސް ބިމުގައި މަގުފުރެދުމާއި ޝިރުކުރުން ޢާއްމުވާހިނދު ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވެވި ނަބިއްޔުންނާއި ރަސޫލުންނަށް އީމާންވެ ތަބާވުމުގަޔާއި، ހެޔޮ ޢަމަލުތައް ކުރުމުގައާއި، ޝައިތާނާގެ ބައިވެރިންގެ އަނިޔާވެރިކަމުގެ ކުރިމަތީގައި ކެއްތެރިވެ، ބާތިލާއި ދެކޮޅަށް ޖިހާދުކުރުމުގައި މީސްތަކުން ވަނީ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް އިސްނަގައި ކުރިހޯދާފައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَلَوْ شَاءَ اللَّـهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَـٰكِن لِّيَبْلُوَكُمْ فِي مَا آتَاكُمْ فَاسْتَبِقُوا الْخَيْرَاتِ ﴿المائدة: ٤٨﴾ މާނައީ: އަދި اللَّه އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (ތިޔަބައިމީހުން أمّة ތަކަކަށް ބައިބައިކުރެއްވީ) ތިޔަބައިމީހުންނަށް ދެއްވި شريعة ތަކާމެދު ތިޔަބައިމީހުން امتحان ކުރެއްވުމަށެވެ. ފަހެ، ހެޔޮކަންތަކަށް ތިޔަބައިމީހުން ވާދަކުރާށެވެ!
ﷲ ތަޢާލާ ކުރީގެ އުންމަތެއްގެ މައްޗަށް ދެނަބީބޭކަލުން ފޮނުއްވައި، ދީނަށްގޮވާލެއްވިހިނދު އެޤައުމުގެ މީސްތަކުން އެބޭކަލުންނަށް އިންކާރުކޮށް ފަހައްޖެހުނުހިނދު، ހެޔޮކަމުގައި އިސްނެގި މީހެއްގެ ވާހަކަ ސޫރަތުލް ޔާސީންގައި ﷲ ތަޢާލާ ބަޔާންކޮށްދެއްވިއެވެ. وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ ﴿٢٠﴾ اتَّبِعُوا مَن لَّا يَسْأَلُكُمْ أَجْرًا وَهُم مُّهْتَدُونَ ﴿٢١﴾ وَمَا لِيَ لَا أَعْبُدُ الَّذِي فَطَرَنِي وَإِلَيْهِ تُرْجَعُونَ ﴿٢٢﴾ މާނައި: އެރަށުގެ އެންމެ ދުރުފަރާތުން މީހަކު ދުވަމުން އައިސް ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން އެ رسول ންނަށް تبع ވާށެވެ! (20) ތިޔަބައިމީހުންގެ ކިބައިން، އެއްވެސް އުޖޫރައަކަށް ނޭދޭބަޔަކަށް ތިޔަބައިމީހުން تبع ވާށެވެ! އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔެކެވެ. (21) އަދި އިސްވެދިޔަ مثال އަކާ ނުލައި، ތިމަން އުފެއްދެވި ކަލާނގެއަށް ތިމަން އަޅުކަން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. (22) ދެން އެރަށުގެ މީހުން އަނިޔާވެރިގޮތުގައި އޭނާ ޤަތްލުކޮށްލިއެވެ. ނަމަވެސް ﷲ ތަޢާލާ އާޚިރަތުގައި އޭނާއަށް ދެއްވި މަތިވެރި މަޤާމް ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. بِمَا غَفَرَ لِي رَبِّي وَجَعَلَنِي مِنَ الْمُكْرَمِينَ ﴿٢٧﴾ އަންގަވާނެތެވެ. ތިބާ ސުވަރުގެއަށް ވަންނާށެވެ! އޭނާ ބުނާނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް ފާފަފުއްސަވައި، މާތްކުރައްވާފައިވާ މީހުންގެ ތެރެއިން، އެކަލާނގެ ތިމަން ލެއްވިގޮތް، ތިމަންގެ قوم ގެމީހުން ދަންނާނެނަމަ ކިހާރަނގަޅުހެއްޔެވެ؟ (27)
އަދިވެސް ﷲތަޢާލާ ވަޙީކުރެއްވިއެވެ. وَالسَّابِقُونَ السَّابِقُونَ . أُولَـٰئِكَ الْمُقَرَّبُونَ . فِي جَنَّاتِ النَّعِيمِ . ثُلَّةٌ مِّنَ الْأَوَّلِينَ . وَقَلِيلٌ مِّنَ الْآخِرِينَ ﴿سورة الواقعة١٠–١٤﴾ މާނައީ: އަދި ކުރިއަރައިދިޔަ މީހުންނީ، (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަ މީހުންނެވެ. ކުއްތަންކުރައްވާފައިވާ މީހުންނީ، އެއުރެންނެވެ. نعمة ގެ ސުވަރުގެތަކުގައެވެ. އިސްވެދިޔަމީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ. އަދި ފަހުގެ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކާ އަޅައިބަލާއިރު، محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިން) މަދުބަޔެކެވެ.
ހެޔޮކަންކަމުގައި އިސްނެގުމުގެ ނިޢްމަތް ﷲ ތަޢާލާ މިންވަރުކުރައްވާފައި ވަނީ ހަމައެކަނި އިހުގެ އުންމަތްތަކުގެ އަޙްލުވެރިންނަކަށް ނޫނެވެ. ޚުދް މިއުންމަތުގެ ރިޟްވާނުﷲ ޢަލައި މާތް ޞަޙާބީންނާއި ޞިއްދީޤުންނާއި ސަލަފުއްޞާލިހުން ވަނީ ﷲ އަށް ތަޤްވާވެރިވުމާއި އެއިލާހުގެ ރުއްސެވުން ހޯއްދެވުމަށްޓަކައި އެއްބޭކަލެއްގެ މައްޗަށް އަނެއްބޭކަލަކު އިސްވެވަޑައިގަންނަވާފައެވެ. ޚާއްޞަކޮށް މަތިވެރިވެގެންވީ ޞަޙާބިއްޔާއިން ވަނީ ހެޔޮކަންކަމުގައި އިންތިހާއަށް ގޮސްފައެވެ. އަދި އެބޭކަލުން ދުނިޔޭގައި ތިއްބަވަނިކޮށް ބައެއް ބޭކަލުންނަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ﷲ ތަޢާލާ ވަނީ ދެއްވާފައެވެ. އަދި އެބޭކަލުންނަށް ތަޛްކިޔާ ވަޙީކުރައްވައި އެންގެވިއެވެ. وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَٰلِكَ الْفَوْزُ الْعَظِيمُ ﴿التوبة: ١٠٠﴾ މާނައީ: مهاجر ންނާއި، أنصار ންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބޭކަލުންނާ تبع ވީމީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން އެކަލާނގެއަށް ރުހުނޫއެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެކަލާނގެ އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ.”
ހަތް އުޑުގެ މަތީން އެބޭކަލުންނަށް ތަޒުކިޔާ ދެއްވުމާއި އެކުވެސް އެބޭކަލުންގެ ޢަމަލުފުޅުތަކުގައި ﷲއަށް ރުއްސެވުން ހޯއްދެވުމަށް އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖައްސަވައެވެ. ކީރިތި ރަސޫލާ(ޞ) ގެ ކިބައިން ރިވާވެގެން ވެއެވެ.
سأل رسول الله صلى الله عليه وسلم أصحابه يوماً: « من أصبح منكم اليوم صائماً؟، قال أبو بكر: أنا، قال: من اتبع منكم اليوم جنازة؟، قال أبوبكر: أنا، قال: فمن عاد منكم اليوم مريضاً؟ قال أبوبكر: أنا، فقال الرسول صلى الله عليه وسلم: ما اجتمعن في امريء إلا دخل الجنة” ކީރިތި ރަސޫލާ (ޞ) އެކަލޭގެފާނުގެ ސަޙާބީންނާއި ސުވާލުކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މިއަދު ރޯދައަށް ހުރީ ކާކުހެއްޔެވެ؟ އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަންނައެވެ. ދެން ސުވާލުކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން ޖަނާޒާއެއްގައި މިއަދު ބައިވެރިވީ ކޮންބޭކަލެއްތޯއެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަންނައެވެ. ދެން ސުވާލުކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން ބަލިމީހަކަށް މިއަދު ޒިޔާރާތްކުރީ ކާކުތޯއެވެ. އެހިނދު އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަންނާއެވެ. ދެން ކީރިތި ރަސޫލާ (ޞ) ޙަދީޘްކުރެއްވިއެވެ. މި ތިންކަންތައް އެއްދުވަހެއްގައި ޖަމްޢުކޮށްފިމީހާ ސުވަރުގެ ވަދެއްޖެއެވެ.
ޝައްކެއް ނެތެވެ. ހެޔޮކަންކަމުގައި އަބޫބަކުރުގެފާނަށްވުރެ އިސް އެހެން ފަރާތެއް މިއުންމަތަކު ނުވެއެވެ. އެހެންކަމާއި އެކުވެސް ޢުމަރު ރަޟިޔަﷲ ޢަންހު ވަނީ ހެޔޮކަންކަމުގައި އަބޫބަކުރުގެފާނަށްވުރެ އިސްވެވޭތޯ އެތަކެއް ފަހަރު މަސައްކަތް ކުރައްވާފައެވެ. އެއީ ނުވާނެ ކަމެއްކަން ޔަގީންވެވަޑައިގަތުމާއިވެސް އެކުގައެވެ. އަދި ﷲ ރުއްސުންލެއްވި މާތް ޞަޙާބިއްޔާއިން ވަނީ ﷲ ގެ ދީނަށް ނަޞްރުދިނުމުގައި އެއްބޭކަލަކަށްވުރެ އަނެއްބޭކަލަކު، އެއް ޤަބީލާއަކަށްވުރެ އަނެއް ޤަބީލާއަކުން އިސްވެވަޑައިގެންފައެވެ.
މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ ހެޔޮކަންކަމުގައި އިސްނެގުމާއި ކުރިއަރައި ދިއުމަކީ ހަމައެކަނި މިއުންމަތުގެ ކުރީކޮޅުގެ ބޭކަލުންނަށް، އަދި ޚާއްޞަކޮށް ޞަޙާބީންނަށް ޚާއްޞަވެފައިވާ ކަމެއް ކަމުގައެވެ. ޝައްކެއްވެސް ނެތެވެ. އެބޭކަލުން އިސްލާމްދީނަށްޓަކައި ވެލެއްވި ޤުރުބާނީއާއި، ﷲ ތަޢާލާއަށް ކިޔަމަންވުމާއި ތަޤްވާވެރިކަމުގައި ދުނިޔޭގެ މައްޗަށް އާޚިރަތް އިސްކުރެއްވި މިންވަރަށް އެހެން އެއްވެސް ބަޔަކަށް ކުރިއަކަށް ނުދެވޭނެއެވެ. އެހެން ނަމަވެސް ހެޔޮކަމުގައި ކުރިއަރައި ދިއުމުގައި އެބޭކަލުންނާއި ވާދަޖަހާ، ނުވަތަ އެބޭކަލުންނާއި ގާތް މިންވަރަކަށް މަސައްކަތްކުރާ މީހާގެ ޢަމަލުތައްވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ މޮޅަށް ދެނެވޮޑިގެން ވެއެވެ. އަދި ކީއްތަ؟ މިއުންމަތުގެ ތާބިޢީ ބޭކަލުންނާއި ސަލަފުއް ޞާލިހުންގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުން ވަނީ މިކަން ދައްކަވާފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا فَاسْتَبِقُوا الْخَيْرَاتِ- ފަހެ، ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ!
މަޝްހޫރު ތާބިޢީ ބޭކަލެއް ކަމުގައިވާ أبو مسلم الخولاني ރަޙިމަހުއްﷲ ވިދާޅުވިއެވެ. “أيظن أصحاب محمد أن يستأثروا به دوننا؟ كلا، والله لنزاحمنهم عليه زحاماً حتى يعلموا أنهم قد خلفوا وراءهم رجالاً
މާނައީ ” މުޙައްމަދުގެފާނުގެ އަޞްޙާބުބޭކަލުން އެކަލޭގެފާނަށް ތަބާވުމާއި ހެޔޮޢަމަލުކުރުމުގައި އެބޭކަލުން ނޫންބަޔަކު ނުވަނީކަމަށް ހީކުރަނީހެއްޔެވެ؟ ހަމަހިލާ އެހެނަކުން ނުވާނެއެވެ. ﷲ ގަންދީ ބުނަމެވެ. އަހަރެމެންވެސް އެކަލޭގެފާނަށް ތަބާވުމާއި ހެޔޮޢަމަލުކުރުމުގައި އެބޭކަލުންނަށް ތަބާވާހުށީމެވެ. އެއީ އެބޭކަލުންނަށް ފަހުގައިވެސް ފިރިހެނުންތަކެއް ދޫކުރައްވާފައިކަން އެބޭކަލުން އެނގިވަޑައިގަތުމަށް ދާންދެނެވެ.”
ދެންފަހެ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވީހިނދު، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ހެޔޮކަންކަމުގައި އަވަސްވެގަންނަ މީހަކުކަމުގައި ވާންޖެހެއެވެ. ހެޔޮކަންކަމުގައި އިސްނެގުމަކީ ވަކި އުންމަތަކަށް ވަކިޒަމާނަކަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. މޫމިނުންގެ ސިފަ ބަޔާންކުރައްވައި ﷲ ތަޢާލާ ސޫރަތުލް މޫމިނީންގައި ވަޙީކުރެއްވިއެވެ.
أُولَـٰئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ ﴿المؤمنون: ٦١﴾ މާނައީ: އެއުރެން އެންމެންނީ، ހެޔޮކަންތަކުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެއުރެންނީ އެކަންތަކުގައި ކުރިއަރައިދާ މީހުންނެވެ.
އަދިވެސް ސުވަރުގޭގެ އަހުލުވެރިންނާ މުޚާތަބްކުރައްވައި ވަޙީކުރެއްވިއެވެ. وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ﴿المطففين: ٢٦﴾ މާނައީ “ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ!”
އަޅުގަނޑުމެންނަކީ އެންމެ ހެޔޮ އުންމަތުގެ އަހުލުވެރީންނެވެ. އަދި އަޅުގަނޑުމެންނާއި ކުރިމަތިލާފައި މިވަނީ ހެޔޮކަމުގެ މޫސުމާއިއެވެ. އިހުގެ އުންމަތްތަކަށް ހެޔޮކަންކުރުމަށް ދިގު ޢުމުރެއް ލެއްވި ފަދައިން، މިއުންމަތުގެ ހެޔޮކަމުގެ އަހުލުވެރީންނަށްޓަކައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު މަހެއް ވަނީ ލައްވާފައެވެ.
އެންމެހާ އަޚުންނާއި އުޚްތުންނޭވެ! ހެޔޮކަމުގެ މައްސަރުގެ ހެޔޮކަން ލިބިގަތުމަށްޓަކައި އިސްވެގަންނާށެވެ! ކަނާތްފަރާތުން ފަތް ލިބުނު މީހުން ފަދައިން ވެގަންނާށެވެ.
لِّأَصْحَابِ الْيَمِينِ ﴿٣٨﴾ ثُلَّةٌ مِّنَ الْأَوَّلِينَ ﴿٣٩﴾ وَثُلَّةٌ مِّنَ الْآخِرِينَ ﴿٤٠﴾ ﴿الواقعة: ٤٠﴾ މާނައީ ކަނާތްފަރާތުގެ މީހުންނަށްޓަކައެވެ. (38) އިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ. (39) އަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ.