ދިވެހި ފަސްގަނޑުގެ މުގައްދަސް ކަމަށް ވުރެ މުހިންމު ކަމެއް ނޯންނާނެ ކަމަށާއި އެ ފަސްގަނޑަށްޓަކައި ސުލްހަ އާއި މަސްލަހަތު ނަގާލަން ޖެހިއްޖެ ނަމަ، ޕީޕީއެމުން އެކަން ވެސް ކުރާނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
“ދިވެހިންގެ ފަސްގަނޑު ދިވެހިންގެ އަތުގައި އޮތުމަށްޓަކައި، ސުލްޙައާއި މަސްލަހަތު ނަގާލަން ޖެހިއްޖެ ކަމަށް ވަންޏާ ނަގާލާނެ، މި ޕާޓީން ނަގާލާނެ.” ރައީސް ޔާމީން ވިދާޅުވީ، ދިވެހިންނަށް އިންޑިއާ އަކީ މުހިންމު ޤައުމެއް ކަމަށާއި ނަމަވެސް ދިވެހިންގެ މިނިވަން ކަމަށްވުރެ ބޮޑު އެއްޗެއް ނޯންނާނެ ކަމަށެވެ.
އަދި ދިވެހިން އުޅެނީ “ވަކި ބަޔަކަށް ޖިޒީ” ދައްކައިގެން ނޫން ކަމަށާއި ދިވެހިން އުޅެނީ އިންޑިއާ އިން ގެންނަ “ފީ ބިސްކޮޅު” ބޭނުންވެގެން ނޫން ކަމަށެވެ. އަދި ދިވެހިން އުޅެނީ އިންޑިއާ އަށް “ދަރާ ވިކިގެން” ވެސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ދިވެހި ގައުމުގެ މިނިވަންކަމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. ރައްޔިތުން ގައުމުގެ ހައްގުގައި ނިކުތީ ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައި ތިބޭ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުން، އެބޭފުޅުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކުރައްވާތީ ކަމަށް ވިދާޅުވިއެވެ.


