ހާޒިރު ޖަވާބު

އަރކައިވް އިޖުތިމާޢީ މުނިފޫހި ފަހުގެ

ހާޒިރު ޖަވާބޭ ހެއްޔެވެ؟ އެއީ ލަދުގަންނަވާލުމުގެ ގޮތުން، ނުވަތަ މަލާމާތްކޮށްލުމުގެ ގޮތުން ކުރިމަތި ކުރެވޭ ބައެއް ކަހަލަ ސުއާލުތަކަށް، ވަގުތުން ދެވޭ، މުނާސިބު އަދި އޭގައި ހެއްވާލުން ވެސް ބައެއް ފަހަރު އެކުލެވޭ ޖަވާބެވެ.

އަޅުގަނޑުމެންގެ ތެރޭގައި ވެސް މިފަދަ ސުއާލުތަކަށް ހާޒިރު ޖަވާބުގެ އަހުލު ވެރިން އުޅުނެވެ. އޭގެ ތެރެއިން އިހުގައި ފާހަގަކޮށްލެވުނު ވަރުގަދަ ޝަޚުސިއްޔަތުގެ ތެރޭގައި ހިސާބު އިލްމުވެރިޔާ އިސްމާއީލުކަލޭފާނު ތުއްތު ނުވަތަ އާންމު ނަމުން ނަމަ، ތުއްތު ސާހިބު ފާހަގަކޮށްލެވެއެވެ. ތުއްތު ސާހިބުއަކީ އަޅުގަނޑުގެ ބައްޕަގެ އެދުރެއް، އަދި ފަހުން، ވަރަށް ގާތް އެކުވެރިއެއް ވެސް މެއެވެ. އޭނާގެ ބައެއް ވާހަކަތައް ބައްޕަގެ ފަރާތުން އިވިފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ހާޒިރު ޖަވާބުގެ މިސާލެއްގެ ގޮތުން ތުއްތުސާހިބާ ބެހޭ މިވާހަކަ ލިޔެލަމެވެ. އެއް ދުވަހު، ހެންވޭރު އުތުރު ފަރާތު އަތިރި މަތީ ތުއްތު ސާހިބު ހުންނަވަނިކޮށް، ކަނޑުން ދަތުރުކޮށް ދިޔަ ދޯންޏެއް އޭނައަށް ދައްކާފައި ތުއްތު ސާހިބު އަރިހުން މީހަކު އެއްސެވެ. “ތުއްތު ސާހިބެވެ! އެެއީ އަންނަ އެއްޗެއް ތޯއެވެ؟ ނުވަތަ ދާ އެއްޗެއް ތޯއެވެ؟” ޖަވާބުގައި ތުއްތު ސާހިބު ވިދާޅުވިކަމަށްވަނީ މިހެންނެވެ. “އަންނަ އެއްޗެހީގެ ތެރޭގައި ދާ އެެއްޗެހި ވެސް ހުރޭ ނޫން ހެއްޔެވެ؟”

އާދެ، ތިރީގައި އެވަނީ މިފަދަ ބައެއް ހާޒިރު ޖަވާބުތަކެކެވެ.

  1. އެއް ދުވަހަކު، ވަރަށް ފަލަ އަންހެނަކު، ބަހަކަށް އެރި އެވެ. މިތަން ފެނިފައި، އޭނައާ ފޮށިލުމުގެ ގޮތުން، ބަހުގައި އިން މީހަކު ބުނި އަޑު އިވުނެވެ. “މިއީ އެތް އެތައް ޚާއްސަ ބަހެއް ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ!”

މި ވާހަކަ އަޑުއަހާފައި، އެ އަންހެން މީހާ ވަރަށް މަޑުމައިތިރި ކަމާއެކު ބުންޏެވެ. “މި ބަހަކީ ނޫހުގެ ފާނުގެ ނައު ކޮޅު ފަދަ ބަހެކެވެ. އޭގައި އެތާއި އަދި ހިމާރުން ވެސް ތިބޭނެއެވެ؟”

  1. މަޝްހޫރު ލިޔުން ތެރިއަކު ކަމުގައިވާ ބާނާޑް ޝޯއާ ސަމާސާކޮށްލުމުގެ ގޮތުން އެއްދުވަހަކު އެހެން ލިޔުންތެރިއަކު ބުންޏެވެ. އިނބަ ލިޔެ އުޅެނީ ފައިސާއަށްޓަކައެވެ. ނަމަވެސް އަހަރެން ލިޔެ އުޅެނީ ޝަރަފާއި މާތްކަން ލިބިގަތުމަށްޓަކައެވެ.

ޖަވާބުގައި ޝޯ ބުނުއްވިއެވެ. “ކޮންމެ މީހަކު ވެސް ލިޔެ އުޅެނީ އޭނާގެ ކިބައިގައި ނެތް އެއްޗެއް ހޯދާށެވެ!”

  1. އިސްލާމީ ތާރީޚުގެ ކުރީ ކޮޅުގެ މަޝްހޫރު ލޯފަން ޅެންވެރިއެއް ކަމުގައިވާ ބައްޝާރު ބިން ބުރުދުއާ ދިމާކޮށްލުމުގެ ގޮތުން މީހަކު ބުންޏެވެ. މީހަކު ލޯފަން ކުރެއްވުމަށް މާތްﷲ އިރާދަކުރައްވައިފި ނަމަ، އޭގެ ބަދަލުގައި އެމީހަކަށް ކޮންމެ ވެސް އެހެން ހުނަރެއް މާތްﷲ ދެއްވައެވެ. އިނބަ ލޯފަންކުރެއްވި ހިނދު، މާތްﷲ އިނބައަށް ދެއްވީ އެހެން ކޮން އެއްޗެއް ހެއްޔެވެ؟

ޖަވާބުގައި ބައްޝާރު ބުނުއްވިއެވެ. “ކަލޭ ކަހަލަ އެއްވެސް އަޚުލާގެއް ނެތް ދަށު ދަރަޖައިގެ މީހުން އަހަންނަށް ނުފެނުމެވެ!”

  1. ލޯފަން މީހަކާ އިން އަންހެނަކު އޭނާގެ ފިރިމީހާ ގާތު ބުންޏެވެ. “އަހަރެންގެ ރީތިކަން ކަލާއަށް ފެންނަ ނަމަ، ކަލާ އަޖައިބުވެ އަންތަރީސްވީހެވެ!” ޖަވާބުގައި ލޯފަން ފިރިކަލޭގެ ބުންޏެވެ. “ކަލާ ތިބުނާހާ ރީތި ނަމަ، ލޮލަށް ފެންނަ މީހުން ކަލާއާ ހިތާ ނުވީ ކީއްވެ ބާވައޭ އަހަރެންގެ ހިތަށް އަރައެވެ؟”
  2. މީހަކު މީހަކަށް މަލާމާތްކޮށް ދެރަކޮށްލުމުގެ ގޮތުން އޭނާއާ ދިމާއަށް ބުންޏެވެ. “ދުރުން ކަލޭ ފެނުމުން އަހަރެން ހީކުރީ ކަލެއަކީ އަންހެނެއް ކަމެވެ.”

ޖަވާބުގައި އޭނާ ބުންޏެވެ. “ދުރުން ކަލޭ ފެނުމުން އަހަރެން ހީކުރީ ކަލެއަކީ ފިރިހެނެއް ކަމަށެވެ!”

  1. ވަޒީރަކު ސަމާސާކޮށްލުމުގެ ގޮތުން އޭނާގެ ހިކިހިކި ސެކެޓެރީއާ ދިމާއަށް ބުންޏެވެ. “ބޭރު ރާއްޖެއެއްގެ މީހަކަށް އިނބަ ފެނިއްޖެ ނަމަ، އެ މީހުން ހީކުރާނީ އަހަރުމެންގެ ތެރޭގައި ބަނޑުހައިހޫނު ކަމެއް ފެތުރިގެން އުޅޭ ކަމެވެ.”

ދެން ފަލަކޮށް ހުންނަ އެ ވަޒީރާ މުޚާތަބުކޮށް ސެކެޓަރީ ދެންނެވިއެވެ. “ބޭރު ރާއްޖޭގެ ހަމަ އެމީހާއަށް މަނިކުފާނު ފެނުނު ނަމަ، އެކަމުގެ ސަބަބަކީ ކޮބައިކަން ވެސް އޭނައަށް އެނގުނީހެވެ!”

  1. ކައިރި އަވަށަކަށް ޖުހާ ދިޔުމުން، އޭނާއަށް ދެރަކޮށްލުމުގެ ގޮތުން މީހަކު ބުންޏެވެ. “ޖުހާއެވެ! އަހަރުމެންނަށް ކަލެއަކީ ކާކުކަން އެނގެނީ ކަލޭގެ ހިމާރު ފެނުމުންނެވެ.” ޖަވާބުގައި ޖުހާ ބުންޏެވެ. “އެއީ މައްސަލައެއް ނޫނެވެ. ހިމާރުން ފާހަގަކުރަން އެނގޭނީ ހަމަ ހިމާރުންނަށް ނޫން ހެއްޔެވެ؟
  2. ފިރިހެނަކު އަންހެނަކު ފެނިގެން ޚުޝާމަދުކޮށްލުމުގެ ގޮތުން އޭނަގާތު ބުންޏެވެ. “ކަލާ ހާދަހާވާ ރީއްޗެވެ.” ދެން ފަޚުރުވެރިވެލާފައި އަންހެން މީހާ ބުންޏެވެ. “މާފުކުރާށެވެ! ކަލާއާ ދިމާއަށް ރީއްޗޭ ބުނެވޭ ވަރަށް ވުރެ ކަލާ މާ ހުތުރެވެ.”

ދެން، ޖަވާބުގައި ފިރިހެން މީހާ ބުންޏެވެ. “އެއީ އެއްވެސް މައްސަލައެއް ނޫނެވެ! އަހަރެން ދޮގު ހަދައި ހަގީގަތާ ޚިލާފަށް އެއްޗެއް ބުނިފަދައިން ކަލާއަށް ވެސް ދޮގު ހަދައި ހަގީގަތާ ޚިލާފަށް އެއްޗެއް ބުނެވިދާނެތާއެވެ!”

  1. އަންހެނަކު، ދެ ހިމާރު ގޮވައިގެން ބާޒާރަށް ދަނިކޮށް ތިން ޒުވާނުންނަށް ފެނިގެން އޭނައާ ފޮށިލާ ހިތުން، އޭނައާ ދިމާއަށް ބުންޏެވެ. “އޭ ހިމާރުންގެ މަންމައާއެވެ! ތި ދަނީ އަޅެ ކޮންތާކަށް ހެއްޔެވެ؟” ދެން ޖަވާބުގައި އަންހެން މީހާ ބުންޏެވެ. “އޭ އަހަރެންގެ ދަރިންނޭވެ! އަހަރެން މިދަނީ ބާޒާރަށެވެ!”
  2. މުސްކުޅިވެ ދުންޏެއް ހެން ވަރަށް ބޮޑަށް ގުދުވެފައި އޮތް މީހަކު ހިނގާފައި ދަނިކޮށް، އޭނައާ ދިމާއަށް ޒުވާނަކު ބުންޏެވެ. “ބޭބޭއެވެ! ދުނިދަނޑި ވިއްކަނީ ކިހާ ވަރަކަށް ހެއްޔެވެ؟” ދެން އެ ބޭބެ ބުންޏެވެ. “ކޮއްކޯއެވެ! އަޅާ ނުލާށެވެ! ދުވަސް ވުމުން ކޮއްކޮއަށް ވެސް ހިލޭ ދުނިދަނޑި ލިބޭނެއެވެ!”
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ