އެމީހެއްގެ އަމިއްލަ މަސައްކަތުން ހޯދާ ތަކެތި ކައިބޮއި އުޅުމުގެ މާތްކަން

ފަހުގެ ދީން

މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ ދުނިޔޭގައި ޚަލީފާ ވެރިކުރައްވާފައިވަނީ ދުނިޔެ އާރާސްތުކުރުމަށެވެ. އެގޮތުން އިންސާނާ ދުނިޔޭގައި ދިރިއުޅެވޭނެ ވަޞީލަތްތަކާއި، އިންސާނާއަށް ބޭނުންވާ ތަފާތު ތަކެތި ވަނީ ލައްވަވާފައެވެ. އިންސާނާ ދުނިޔޭގައި ހުރުމަށްޓަކައި ﷲ ވަނީ ކެއުމާއި ބުއިން ލައްވާފައެވެ. 

އެގޮތުން އިސްލާމް ދީނަކީ މަސައްކަތްތެރިކަމަށް ބާރު އަޅާ ދީނެކެވެ. މާތް ﷲ ކީރިތި ޤުރުޢާނުގެ ޖުމްޢަ ސޫރަތުގެ  10 ވަނަ އާޔަތުގައި ވާޙީ ކުރައްވާފައިވެއެވެ. فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ (الجمعة: ١٠) ” ފަހެ ނަމާދުކޮށް އަވަދިވެއްޖެ ހިނދު ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން، ﷲ ގެ ފަޟުލަވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި ނަސީބު ލިނުމަށްޓަކައެވެ.”

އިޝްތިހާރު
އިޝްތިހާރު

އިސްލާމްދީނުގައި އެންމެބޮޑަށް ބާރު އަޅުއްވާފައިވަނީ އެމީހެއްގެ އަމިއްލަ މަސައްކަތުން ދާ އޮހޮރުވައިގެން ހޯދާ ތަކެތި ކައިބޮއި އުޅުމަށެވެ. އުއްމަތައް ރަހްމަތެއް ކަމުގައި ފޮނުއްވި ރަސޫލާ މުޙައްމަދު صلى الله عليه وسلم حديث  ކުރައްވާފައިވެއެވެ. مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ وَإِنَّ نَبِيَّ اللَّهِ دَاوُدَ كَانَ يَأْكُلُ مِنْ عَمَلِ يَدِهِ (صحيح البحارى) “މާނައީ: އެއްވެސް މީހަކު ކާއެއްޗަކަށް، ތިމާގެ އަމިއްލަ މަސައްކަތުން ހޯދާ އެއްޗަކަށްވުރެ ވަކި ހެޔޮކަންބޮޑު އެއްޗެއް ނުވެއެވެ. ހަމަކަށަވަރުން ދާވޫދުގެފާނު ފަރީއްކުޅުއްވާ ހެއްދެވީ އެކަލޭގެފާނު ދެ އަތްޕުޅުގެ މަސައްކަތުންނެވެ.” 

ރަސޫލުބޭކަލަކަށް ވެވަޑައިގަތުމުގެ އިތުރުން އެއްވެސް މީހަކަށް ލިބިފައި ނުވާވަރުގެ ވެރިކަމާއި ރަސްކަމެއް ކީރިތި ވަންތަ ﷲ ވަނީ ދާވޫދުގެފާނަށް ދެއްވާފައެވެ. އެކަމަކުވެސް އެކަލޭގެފާނު ފަރީއްކުޅުއްވައި އުޅުއްވީ، އަމިއްލަފުޅަށް މަސައްކަތްކުރައްވައިގެން ލިބިވަޑައިގަންނަވާ އެއްޗަކުންނެވެ. އާދަމްގެފާނު ދަނޑުގޮވާން ކުރައްވައި އުޅުއްވިއެވެ.  ނޫޙުގެފާނާއި، ޒަކަރިއްޔާގެފާނު ވަޑާމުގެ މަސައްކަތް ކުރައްވައި އުޅުއްވިއެވެ. ލުޤްމާނުގެފާނު ފެހުމުގެ މަސައްކަތް ކުރެއްވިއެވެ. ޠާލޫތުގެފާނު ހަމުގެ މަސައްކަތް ކުރެއްވިއެވެ. ހަމައެހެންމެ ހުރިހާ ރަސޫލުބޭކަލުންނީވެސް ބަކަރި ހުއި ހިތްޕެވުމުގެ މަސައްކަތްވެސް ކުރެއްވި ބޭކަލުންނެވެ.

ކަންނެތްކަމާއި އަނެކުންގެ ދަށުވެގެން އުޅުމާއި، ސަލާމް ޖަހާގެން ކައިބޮއި ހެދުންފަދަ ނިކަމެތިވެގެންނަ ކަންކަމަށް ނުރުހުންތެރިވާ ދީނެވެ. ތިމާ އަމިއްލަ މަސައްކަތުން ހޯދާ ރިޒްޤަކަށްވުރެ، ވަކިން ހެޔޮކަންބޮޑު ރިޒްޤެއް ނޯންނާނޭކަމުގައި ރަސޫލު ﷲ صلى الله عليه وسلم ވަނީ އުއްމަތައް އިރުޝާދު ދެއްވާފައެވެ.

އެހެން ކަމުން، މުޖްތަމަޢަށް ކޮންމެހެން ބޭނުންވާނޭ، ތަފާތު ބާވަތްތަކުގެ މަސައްކަތްތަކާއި ހުނަރުތައް ދަސްކުރުމާއި، މުޖްތަމަޢުގެ ކޮންމެވެސް ބަޔަކު މިބާވަތުގެ ކަންތައްތައް ކޮށްއުޅުމީ، ދިރިއުޅުން އަމާންކަމާއި، އޮމާން ކަމާއެކު ދެމިއޮތުމަށްޓަކައި، ކޮންމެހެންބޭނުންވާ ކަމެކެވެ. ހަމައެފަދައިން، މުޖްތަމަޢަށް ކޮންމެހެން ބޭނުން، ތަފާތު މަސައްކަތްތަކާއި ހުނަރުތައް ދަސްކުރުމާއި، އެކަންކަން ކޮށްއުޅުން، ކީރިތި ވަންތަ ﷲ ވަނީ މުޅި އިސްލާމީ މުޖްތަމަޢުގެ ޙައްޤުގައިވާ، ކިފާޔަތުގެ ފަރުޟެއް ކަމުގައި ކަނޑަ އަޅުއްވާފައެވެ.

ކަންމިހެން އޮތްކަމުގައި ވިޔަސް، މިފަދަ ހުނަރުތަކާއި ފަންނުތަކުގެ އަހުލުވެރިން، އެޤައުމެއްގެ ރައްޔިތުންގެ ތެރޭގައި، ޤައުމަށް ބޭނުންވާ މިންވަރަށް ނެތްކަމުގައިވާނަމަ، އެފަދަ މީހުން ބޭރުޤައުމު ތަކުން ގެނެސްގެންނަމަވެސް، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރުމީ، ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް މިރާއްޖޭގެ ތިންބައިކުޅަ އެއްބަޔާ ގާތްކުރާ ޢަދަދަކަށް، މި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން، ގިނަ ޢަދަދެއްގެ މީހުންކުރާ މަސައްކަތްތަކަކީ، ހަމަ ޔަޤީނުންވެސް ދިވެހިންނަށްވެސް ކުރެވިދާނެ ބާވަތްތަކުގެ މަސައްކަތްތަކެވެ.

    އޮޑި ދޯނިފަހަރުގެ ފަޅުވެރިކަމާއި، ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ މާރުކޭޓުގެ ގޮޅިތަކުގައި ވިޔަފާރި ކުރުމާއި، ހޮޓާތަކުގައި ވޭޓަރުކަން ކުރުމާއި، ފެރީތަކުގެ ފަޅުވެރިކަން ކުރުމުގެ އިތުރުން، ދިވެހިންގެ ލޭނާރު ކަމުގައި ބެލެވޭ ކަޅުބިލަ މަހަށް ދިއުމުގައިވެސް، މިއަދު ބިދޭސީން ޙަރަކާތްތެރި ވަމުންދާކަން ފާހަގަ ކުރެވެއެވެ. ހަމަޔަޤީނުންވެސް މިދެންނެވި ބާވަތްތަކުގެ މަސައްކަތްތަކަކީ، ދެވެހިންނަށް ނުކުރެވޭނޭ މަސައްކަތްތަކެއް ނޫނެވެ. މިއީ، މިއަދާ ހަމައަށްވެސް ދިވެހިން ކުރަމުން އައި މަސައްކަތްތަކެވެ. 

    ނަމަވެސް ފަހަކަށް އައިސް މިބާވަތުގެ  މަސައްކަތާ ދިވެހިން ޚާއްޞަކޮށް ޒުވާނުން ދުރުވަމުންދަނީ، ބައެއްބާވަތްތަކުގެ މަސައްކަތްތަކަކީ ދަށުދަރަޖައިގެ މަސައްކަތްތަކެއް ކަމުގައި، ބަޔަކު މީހުންނަށް ޤަބޫލުކުރެވޭތީކަމަށްވެސް ވެދާނެއެވެ. އެހެނަސް މިވިސްނުން އަޅުގަނޑުމެން ބަދަލުކުރަން ޖެހެއެވެ. އެހެނީ، ކޮންމެ މީހަކީވެސް ތިމާދިރިއުޅޭ މުޖުތަމަޢުގެ އަނެކުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެބައިމީހުންގެ މަދަދަށް ބޭނުންވާނޭ މީހަކަށްވީހިނދު ވަކި ބާވަތްތަކުގެ މަސައްކަތްތަކަކީ އަބުރުވެރި މަސައްކަތްތަކެއް ނޫންކަމަށް ދުށުމީ ކުށްހީއެކެވެ. އޮފީހެއްގެ މޭޒުދޮށުގައި އިށީނދެ އިނދެ ކުރާމަސައްކަތަށްވުރެ، މަސްވެރިކަމާއި ދަނޑުވެރިކަމީވެސް، އޭގެ ޒާތުގައި މުޖުތަމަޢަށް ބޭނުންތެރިކަން އެންމެ ތަންކޮޅެއްވެސް ކުޑަ ކަމެއްނުނެވެ.

    އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގައިވެސް ބައެއް މީހުން ވަކިކަހަލަ މަސައްކަތެއް ނޫނީ ނުކުރަން ތިބޭތަން ފެނެއެވެ. މިފަދަ މީހުން ބޭނުންތައް ފުއްދަނީ ބައްޕަ ނުވަތަ ޢާއިލާ ކޮންމެވެސް މީހެއް ނުވަތަ ރައްޓެއްސެއް ކައިރީގައި ބުނެގެނެވެ. އަދި ބައެއްފަހަރު މިފަދަ މީހުން އަމިއްލައަށް މަސައްކަތް ކޮށްގެން ހޯދާ އެއްޗަކުން ކައިބޮއި އުޅުމުގެ ބަދަލުގައި އެހެންމީހުންގެ ކައިރީ ސަލާންޖަހާގެން ކައިބޮއި އުޅޭތަންވެސް އާދެއެވެ. އަދި އަތުންފައިން އެއްވެސް މަސައްކަތެއް ނުކޮށް ސަލާންޖަހައެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. 

  وَعن أبي عبد الله، الزُّبَير بن العَوَّام رضي الله عنه قال: قال رسول الله صلى الله عليه وسلم :” لأَنْ يَأخُذَ أحَدُكُمْ أحبُلَهُ ثُمَّ يَأتِيَ الجَبَلَ ، فَيَأْتِيَ بحُزمَةٍ مِنْ حَطَب عَلَى ظَهْرِهِ فَيَبِيعَهَا ، فَيكُفّ اللهُ بِهَا وَجْهَهُ ، خَيْرٌ لَهُ مِنْ أنْ يَسْألَ النَّاسَ ، أعْطَوْهُ أَوْ مَنَعُوهُ ” ( رواه البخاري) މާނައީ: ” މާތްﷲ އެ ކަލޭގެފާނަށް ރުއްސުންލެއްވި އަބޫއަބުދުﷲ، އައްޒުބައިރު ބްނުލްއައްވަމުގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިގި ވަސައްލަމަ ޙަދިޘް ކުރެއްވިއެވެ. {ތިޔަބައިމީހުންކުރެ މީހަކު، އޭނާގެ މާރުގަނޑު ހިފައިގެން ފަރުބަދައަކަށް އަރައި، އެތަނުން ދަރުބޮނޑިއެއް (ނުވަތަ ވިނަބޮނޑިއެއް އެއްކޮށް) އޭނާގެ ކޮނޑުމަތީގައި އެ ގެނެސް، އެ ވިއްކައިލުން (އެއީ) އޭގެ ސަބަބުން އޭމާގެ މޫނުގެ އުޖާލާކަން ﷲ ރައްކާތެރިކޮށްދެއްވުން ގާތްގޮތެވެ. ފަހެ، އެކަން އޭނާ މީސްތަކުންނަށް ސަލާމްޖެހުމަށްވުރެ ހެޔޮކަން ބޮޑެވެ. (އެއީ) ސަލާމްޖެހުމުން، އެބައިމީހުން އޭނާއަށް އެއްޗެއް ދިންކަމުގައިވިއަސް، ނުވަތަ އެބައިމީހުން އޭނާއަށް އެއްޗެއް ނުދިންކަމުގައި ވިއަސް މެއެވެ.} (އެބަހީ: އެއްޗެއް ދިނަސް އެއީ، އެ މީހަކަށް ގެއްލުމެއް ކަމުގައި ނޫނީ ނުވާހުއްޓެވެ. އަދި އެއްޗެއް ނުދިނުން އެއީ އޭނާގެ އަގުވެއްޓި، އަބުރު ނަގައިލެވޭ ކަމެއްކަމުގައި ނޫނީ ނުވާހުއްޓެވެ.)”

    އެހެންނަމަވެސް މާތްވެގެންވާ އިސްލާމްދީނުގައި ވަކި ކަހަލަ މަސައްކަތެއް ކުރާކަށެއް ބާރެއްނާޅައެވެ. އިސްލާމީ ޤިއުގަނޑުން ބޭރުނުވާ ކޮންމެ މަސައްކަތެއް ކުރުމުގެ އިޚްތިޔާރު ދެއްވާފައިވެއެވެ. އެހެން ކަމުން ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވޭވަރުގެ މަސައްކަތެއް ކައިބޮއި އުޅުމަށްޓަކައި ކުރަންޖެހެއެވެ. މިކަން އިނގެނީ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ފޮނުއްވި ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލިންވެސް، ދިރިއުޅުއްވުމުގެ ކަންތައް ހަމަޖެއްސެވީ އަމިއްލަފުޅު މަސައްކަތް ކުރައްވާގެންނެވެ. ކީރިތި ވަންތަ ﷲ ޞުބްޙާނަހޫ ވަތަޢާލާ فرقان ސޫރަތުގެ  ٢٠ ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. وَمَا أَرْسَلْنَا قَبْلَكَ مِنَ الْمُرْسَلِينَ إِلَّا إِنَّهُمْ لَيَأْكُلُونَ الطَّعَامَ وَيَمْشُونَ فِي الْأَسْوَاقِ މާނައީ: “ހަމަކަށަވަރުން ކާތަކެތި ފަރީއްކުޅުއްވައި، ބާޒާރުގައި ހިންގަވާ ބޭކަލުންމެނުވީ، ރަސޫލުންގެ ތެރެއިން އެއްވެސް ރަސޫލަކު ކަލޭގެފާނު ކުރިންވެސް، ތިމަން ރަސްކަލާނގެ ނުފޮނުއްވަމެވެ.” 

    މި އާޔަތުގެ ތަފްޞީރުގައި އިބުނު ކަޘީރު ވިދާޅުވެފައި ވެއެވެ. ވިޔަފާރި ކުރެއްވުމަށާއި، ޢާމްދަނީ ހޯއްދެވުމަށް ބާޒާރަށް ނިކުމެ ވަޑައިގެން މަސައްކަތްކުރެއްވުމީ، އެއްވެސް ޙާލެއްގައި އެބޭކަލުންގެ ޤަދަރާއި މަޤާމާ އެކަށީގެން ނުވާކަމެއް ނޫންކަން މިއާޔަތުން ދޭހަވެއެވެ. ދިރިއުޅުމަށް އާމްދަނީ ހޯދުމަށް މަސައްކައްކަތް ކުރުމާއި، ކެއިންބުއިމަށް ބޭނުންވާނޭ ތަކެތި ހޯދުމަށް މަސައްކަތް ކުރުމާއި، ބާޒާރަށްގޮސް އުޅުމީ އެއްވެސް ޙާލެއްގައި ތިބާގެ އަބުރަށް އުނިކަމެއް އަންނާނޭ ކަމެއް ނޫނެވެ.

    ކައިބޮއި ހެދުމަށްޓަކައި ކުރާމަސައްކަތަކީ ހަލާލު ގޮތުގައި ހޯދާ މަސައްކަތަކަށް ވާންޖެހެއެވެ. ހަލާލުގޮތުގައި ދިރިއުޅުމަށް މަސައްކަތްކުރުމަކީވެސް ﷲ ގެ މަގުގައި ކުރެވޭ ޖިހާދެއްކަން ބަޔާންކުރައްވާ ކީރިތި ނަބިއްޔާ ޙަދީޘް ފުޅުތަކުން އެނގެއެވެ. عَنْ كَعْبِ بن عُجْرَةَ، قَالَ: مَرَّ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلٌ، فَرَأَى أَصْحَابُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ قُوَّتِهِ وَنَشَاطِهِ، فَقَالُوا: يَا رَسُولَ اللَّهِ: لَوْ كَانَ هَذَا فِي سَبِيلِ اللَّهِ؟، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:”إِنْ كَانَ خَرَجَ يَسْعَى عَلَى وَلَدِهِ صِغَارًا فَهُوَ فِي سَبِيلِ اللَّهِ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ “إِنْ كَانَ خَرَجَ يَسْعَى عَلَى وَلَدِهِ صِغَارًا فَهُوَ فِي سَبِيلِ اللَّهِ، وَإِنْ كَانَ خَرَجَ يَسْعَى عَلَى أَبَوَيْنِ شَيْخَيْنِ كَبِيرَيْنِ فَهُوَ فِي سَبِيلِ اللَّهِ، وَإِنْ كَانَ خرج يَسْعَى عَلَى نَفْسِهِ يُعِفُّهَا فَهُوَ فِي سَبِيلِ اللَّهِ، “. މާނައީ:”ކަޢުބު ބުން ޢުޖްރާ ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ކައިރިން ލާފައި ދިޔަ މީހެއްގެ ހިތްވަރާއި ބާރު ވެނިވަޑައިގެން، އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. މިމީހާ ﷲ ގެ މަގުގައި ޖިހާދު ކުރަންދާނޭ ނަމަ ހާދަ ރަނގަޅުވީހެވެ. އެހިނދު އެކަލޭގެފަނު ޙަދީޘު ކުރެއްވިއެވެ. އޭނާގެ ޅަދަރިންނަށް ދޭން ރިޒްޤު ހޯދުމަށް ނުކުމެ އުޅޭނަމަ، އެއީވެސް ﷲ ގެ މަގުގައި ޖިހާދަ ކުރުމެކެވެ. އަދި ޢުމުރުން ދުވަސްވެ މުސްކުޅިވެފައިވާ، އޭނާގެ މައިންބަފައިންގެ ބޭނުންތައް ފުއްދުމުގައި އުޅޭނަމަ، އެއީވެސް ﷲ ގެ މަގުގައި ކުރެވޭ ޖިހާދެކެވެ. އަދި އެހެންމީހުންކައިރިއަށްގޮސް ސަލާމް ޖަހައިގެން، އެބައިމީހުންގެ ކުރިމަތީގައި ތިމާގެ ނަފްސު ޒަލީލުވެ ނުދިއުމަށްޓަކައި މަސައްކަތް ކޮށްއުޅޭ މީހާއަކީވެސް ﷲ ގެ މަގުގައި ޖިހާދަ ކުރާ މީހެކެވެ.”

    ރަސޫލު ﷲ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންނަށް ބަލައި ލާއިރު، އެބޭކަލުންނީވެސް އަމިއްލަފުޅު މަސައްކަތް ކުރައްވައިގެން އުޅުއްވި ބޭކަލުންކަން އަޅުގަނޑުމެންނަށް އެނގެއެވެ. އަނަސްގެފާނު ވިދާޅުވިއެވެ. عبد الرحمن بن عوف ހިޖްރަ ކުރައްވައި މަދީނާއަށް ވަޑައިގަތުމުން،  ރަސޫލު ﷲ صلى الله عليه وسلم އެކަލޭގެފާނާއި އަންޞާރީ ބޭކަލެއް ކަމުގައިވާ سَعدُبن الرَّبيع ވިދާޅުވިއެވެ. ކަލޭގެފާނުގެ އަހުލުބައިތުންނަށާއި، ކަލޭފާނުގެ މުދަލުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ! އަހަންނަށް މަދީނާގެ ބާޒާރު ދައްކާށޭވެ! ފަހެ، މިހެން ވިދާޅުވެ ބާޒާރަށް ނިކުމެ ވަޑައިގެން ވިޔަފާރި ކުރައްވަން ފެއްޓެވިއެވެ. އަދި ދުވަސް ކޮޅެއް ނުވަނީސް އަމިއްލަފުޅު މަސައްކަތުން އުޅެވޭވަރުގެ ޢާމްދަނީ ލިބިވަޑައި ގަންނަވާ ބޭކަލަކު ކަމުގައި ވެވަޑައިގަތެވެ.

    އިސްވެދިޔަ ޙާދިޘާ ތަކުންނާއި ދަލީލުތަކަށް ނަޒަރު ހިންގާލުމުން އަޅުގަނޑުމެންނަށް އެނގިގެންދާ ޙަޤީޤަތަކީ، އިސްލާމީ ޝަރީޢަތުގައި މަސައްކަތްތެރިކަމަށް ދެވިފައިވާ އަހައްމިއްޔަތާއި، ކޮންމެ މީހަކަށްވެސް އެންމެ ހެޔޮކަން ބޮޑީ ސަލާމްނުޖަހާ އެމީހަކު އަމިއްލަ މަސައްކަތުން ހޯދާ ތަކެތި ކާބޮއި އުޅުމީ އެންމެ ހެޔޮގޮތްކަމެވެ. އަދި ޞިއްޙަތު ސަލާމަތުން ހުރި ކޮންމެ މީހަކުވެސް ކައިބޮއި އުޅުމަށް މަސައްކަތް ކުރަންޖެހޭކަމާއި، ކީރިތިވަންތަ ﷲ ގެ ރިޒްޤު ކަނޑައަޅުއްވާފައިވާއިރު، ޙަލާލު ގޮތުގައި އެރިޒްޤު ލިބިގަތުމަށް މަސައްކަތް ކުރުމުން، ރިޒްޤުގެ މަގު އެކަލާނގެ ފަހިކޮށްދެއްވާނެކަމެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައި ވެއެވެ. هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ    الملك: ١٥ ” އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަ ތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ ދުނިޔޭގެ ކަންކޮޅު ތަކަށް ތިޔަބައިމީހުންގޮސް ދަތުރު ފަތުރުކޮށް އުޅޭށެވެ! އަދި އެކަލާނގެ ދެއްވާ ރިޒްޤު ލިބިގަންނާށެވެ! އެނބުރި ދިއުންވަނީ އެކަލާނގެ ހަޟްރަތަށެވެ.”

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ