ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމިއްޔާތަކުގެ ތެރެއިން، “އިންއެކްޓިވް” ޖަމިއްޔާތަކަށް އިތުރު ފުރުސަތެއް ދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ނިންމައިފިއެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ރާއްޖޭގައި ކޮވިޑު-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 13 މާރިޗު 2022 ވަނަ ދުވަހު އުވާލުމާއިގުޅިގެން ކޮވިޑް-19 ދުވަސްވަރަށް ތަފާތު އެކި ޖަމްއިއްޔާތައް ހިންގުމަށާއި އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ނުނިމި ހުރިކަން ޖަމްއިއްޔާތަކުން މިނިސްޓްރީއާއި ހިއްސާކޮށްފައިވާ ކަމަށެވެ.
މިގޮތުން ސަރުކާރުން މަދަނީ ޖަމްއިއްޔާތައް ބާރުވެރިކޮށް، އެހިތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި އިންއެކްޓިވް ޖަމްއިއްޔާތަކަށް 31 ޖުލައި 2022 ގެ ނިޔަލަށް އިތުރު ފުރުސަތަކެއް ދިނުމަށް މިނިސްޓްރީން ނިންމާފައިވާކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.


