ކަނޑުމަގުން ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހުން ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލާފައިވަނީ މި ތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ދެ ފަރާތް ކަމަށްވާ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ. އެދެމީހުން ދޫކޮށްލާފައިވަނީ ބަލި ހާލަތު ހުރި ގޮތުން ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރުމަށް ޝަރުތުތަކަކާއި އެކުއެވެ. އެއީ ހުއްދަނެތި މާލެއިން ބޭރަށް ނުދިއުމަށާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމެވެ.
މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އެވެ. މިމައްސަލާގައި މީގެ ކުރިން ޝަހީބު ދޫކުރި ނަމަވެސް ފަހުން އޭނާ އާއި އަހުމަދު މޫސާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ހަތް މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން ޝަހީބަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.


