ހަނިމާދޫ ސްކޫލުގެ ގޯތިތެރެއަށް ވެލިއެޅުމުގެ މަސައްކަތް ފަށައިފި!

ހަނިމާދޫ ޚަބަރު އިޖުތިމާޢީ ފަހުގެ

ހަނިމާދޫ ސްކޫލްގެ ގޯތިތެރެއަށް ވެލިއެޅުމުގެ މަސައްކަތް ފަށައިފިއެވެ. ހަނިމާދޫ ސްކޫލު ބިނާކޮށްފައިވަނީ ވާރޭވެހޭ ދުވަސްތަކުގައި ފެންބޮޑުވާ ޗަކަ ބިމުގެ ސަރަހެއްދަގައެވެ. ވާރޭ ވެހޭ ކޮންމެ ދުވަހަކީ ސްކޫލުގެ ގޯތިތެރޭގައި ފެންބޮޑުވެ، ސްކޫލުގެ ގޯތިތެރޭގައި ހިނގާ ބިނގާވެ އުޅުމަށް އުނދަގޫ ދުވަސްތަކެކެވެ. ޚާއްސަކޮށް ބޯކޮށް ވާރޭވެހޭ ހާލަތްތަކުގައި ފައިގެ ކަށިމައްޗާއި ހަމައަށް ތެންމައިނުލާ ކިލާހަކާއި ހަމައަށް ދިއުމަކީ ނާދިރު ކަމެކެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ހަނިމާދޫ ސްކޫލުގު ފަރާތުން އެކި ގޮތްގޮތަށް މަސައްކަތްކޮށް މިހާރު މިވަނީ މިކަމުގެ އަމަލީ މަސައްކަތް ފަށާފައެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީ އާއި ހަނިމާދޫ ދާއިރާގެ މެންބަރ ޢަބްދުލް ޣަފޫރު މޫސާ އާއި، ހަނިމާދޫ ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމެއްގެ ދަށުން އެމް.ޓީ.ސީ.ސީގެ ސީ.އެސް.އާރު ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ ސްކޫލުގެ ޕްރިންސްޕަލް ޢަބްދުލްމުޙްސިން ޢަބްދުލް ލަތީފް ގޮށްކޮޅަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި މަސައްކަތަކީ ހަނިމާދޫ ސްކޫލުގެ ފަރާތުން އެމް.ޓީ.ސީ.ސީގެ ސީ.އާރު.އެސް ޕްރޮގްރާމްގެ ދަށުން ސްކޫލުގެ ފެންބޮޑުވާ ސަރަހައްދަށް، ފަޅު ކޮންނައިރު ވެލި އަޅައިދިނުމަށް އެދުމުން އެޑިއުކޭޝަން މިނިސްޓްރީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާއާއި އަދި ހަނިމާދޫ ކައުންސިލުގެ މަސައްކަތުން ހަމަޖެހުނު މަސައްކަތެކެވެ. ޚާއްސަކޮށް އެމް.ޕީ ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރެއްވިއެވެ.

ހަނިމާދޫ ކައުންސިލުގެ ރައީސް ޢަބްދުއްސަލާމް ޢަލީ މަޢުލޫމާތު ދެއްވާގޮތުގައި މިހާތަނަށްވަނީ 135 ޓަނުގެ ވެލި ސްކޫލު ގޯތިތެރެއަށް އަޅާފައެވެ. މިއީ މިވަގުތަށް ވެލިއަޅަން ކަނޑައަޅާފައިވާ ސަރަޙައްދުގެ ތެރެއިން ގާތްގަނޑަކަށް ހަތަރުބައި ކުޅަ އެއްބައެވެ. ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވާގޮތުގައި ސްކޫލުގެ ގޯތިތެރެއަށް ވެލި އަޅަން ވެލި ހޯދުމުގައި ދަތިކަން ހުރިކަން ވަނީ ފާހަގަކޮށްފައެވެ. ރަށުތެރެއިން ވެލި ލިބެންނެތުމާއި، ކަޅުވެލި ނަގައިގެން އަޅަން ބެލިކަމުގައި ވީ ނަމަވެސް ރަށުތެރެއިން ކަޅުވެލި ނަގާނަމަ، ވެލި ނަގާ ވަޅުގަނޑުތަކަށް އަޅާނެ ވެލި ރަށުތެރެއިން އަދި މޫދުން ވިޔަސް ލިބެން ނެތުމަކީ މި މަސައްކަތް ލަސްވެގެންދިޔަ ސަބަބެއްކަމަށް ފާހަގަކުރިއެވެ. އެހެން ކަމުން ކައުންސިލުންވެސް ބަލަމުންދިޔައީ ރަށުގެ ބަނދަރު ހަދާ ދުވަސްވަރު ފަޅުކޮނެގެން ނަގާ ވެލި ސުކޫލުތެރެއަށް އެޅުމަށްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިހާރުވެސް ކަސްޓަމްސް އޮފީހުގެ ދޮރުމަތީ މަގުގެ ހުޅަނގު ފަރާތުގައި އުސޫލުތަކާއި ޚިލާފަށް ކަޅުވެލި ނަގާފައިވާ ބޮޑެތި ވަޅުތަކެއް ހުރިކަން ފާހަގަކުރައްވައި، އެވަޅުތަކަށް އެޅުމަށްވެސް ވެލި ހޯދަމުންދާ ކަމަށާއި މިކަމުގައިވެސް ދަތިތަކެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ.

އެކަށީގެންވާ އަދަދަކަށް ވެލި ލިބޭކަމުގައި ވަނީނަމަ، ސްކޫލުގެ ގޯތިތެރޭގައި މިހާރު ބޭނުންކުރާ ސަރަޙައްދަށް އެއްކޮށް ވެލިއެޅުމަކީ ހަނިމާދޫ ސްކޫލުން ބޭނުންވާ ގޮތްކަމަށް ޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ