“ހަމައެކަނި އިންޑިއާ” ގެ ވިސްނުމަކީ މުޑުދާރު އަޅުވެތިކަމެއް ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރުގެ ސަރުކާރުން ގެންގުޅޭ “ހަމައެކަނި އިންޑިއާ” ސިޔާސަތަކީ މުޑުދާރު އަޅުވެތިކަމެއް ކަމަށެވެ.
މިހާރުގެ ސަރުކާރުން ގެންގުޅޭ “ހަމައެކަނި އިންޑިއާ” ސިޔާސަތައް ރައީސް ޔާމީން ފާޑުވިދާޅުވެފައިވާއިރު، ސަރުކާރުން ދަނީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގިނަ ގުނަ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުންވަނީ އިންޑިއާ އައުޓް ހަރަކާތަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަމުރުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވަނީ ގަރާރެއް ނެރުއްވާފައެވެ.
އެމަނިކުފާނު އިސްކޮށް ހުންނަވައި އިދިކޮޅުން ހިންގާ “އިންޑިއާ އައުޓް” ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާއިރު، ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިންނަށް ދިވެހި ފަސްގަނޑުން ޖާގަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ.


