މިއަދު ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އޭނާއަށް އަންގާފައިވާކަމަށް މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމް މެންބަރު ނަޙުލާ ޢަލީ ވިދާޅުވެއްޖެއެވެ.
ނަހުލާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ މޭޔަރު ޑރ. މުޢިއްޒުއާއިއެކު ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން މިއަދު ހަވީރު ވިލިމާލޭގެ ދޮރުން ހިނގުމަށް ހަމަޖެހިފައި ވަނިކޮށް، އޭނާ ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އަންގާފައިވާކަމަށެވެ.
އެގޮތަށް އެންގީ ކޮންފަރާތަކުން ކަމެއް ނަހުލާ ވިދާޅުވެފައެއް ނުވެއެވެ.
ޕީޕީއެމުން އިއްޔެ ވަނީ ޕީޕީއެމްއާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ނަހުލާއާއި އޭނާގެ މަންމަ ފިތުނަ އުފައްދަމުންދާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި އެގޮތަށް ކަންކުރަން ފަށާފައިވަނީ އެ ދެމައިންގެ ސްލޫކީ މައްސަލައެއް ބަލަން ފެށުމުން ކަމަށް ވެސް ބުނެފަވެއެވެ.
އެބަޔާނާއި ގުޅިގެން ނަހުލާ ވިދާޅުވީ، ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާ، އޭނާއަށް އިންޒާރު ދިން މައްސަލައެއް އޭޕްރިލް 20 ވަނަ ދުވަހު ޕާޓީގެ ލީޑާޝިޕްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަމާލުކަމަށް ވެސް އެކަން ގެންނެވިކަމަށެވެ. ޝުޖާޢު ވަނީ އޭނާއަށް ބިރުދައްކައި، ޕާޓީން ކަނޑާލާނެކަމުގެ އިންޒާރުދީ އަދި އޮފީހަށް ހާޟިރުވުމަށްވެސް އުނދަގޫކޮށްފައި ކަމަށް ނަހުލާ ވިދާޅުވެފަވެއެވެ. ނަމަވެސް ޕީޕީއެމްގެ ލީޑަރުޝިޕުން ދިން ޖަވާބަކީ “ތީ އަމިއްލަ ކަމެއްކަމަށް” ނަހުލާ ވިދާޅުވެފަވެއެވެ.
އެހެންކަމުން އޭނާއާއި ދެކޮޅަށް ޕާޓީން ނެރުނު ނޫސްބަޔާނަކީ ޝުޖާޢުގެ ނުފޫޒުން ނެރެފައިވާ ނޫސްބަޔާނެއްކަމަށް ނަހުލާ ތުހުމަތުކުރައްވާފައިވެއެވެ.


