އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗުގައި، ބްރައިޓަން އަތުން ތަފާތު ބޮޑު ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެއެވެ. ބްރައިޓަންގެ ދަނޑުގައ ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވެފައި ވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
ޔުނައިޓެޑްގެ ފަރާތުން ދައް ކުޅުމެއް ފެނިގެންދިޔައިރު، ބްރައިޓަންއިން ވަނީ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހިތްގައިމު މޮޅު ކުޅުމެއް ކުޅެފައެވެ. ބްރައިޓަންއިން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 15 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މޮއިސެސް ކެއިސެޑޯއެވެ.
މެޗުގެ ދެވަނަ ހާފުގައި ބްރައިޓަންއިން ތިން ލަނޑު ޖަހާފައިވާއިރު، މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު 49 ވަނަ މިނެޓުގައި ޓްރޮސާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މާކް ކުކުރެއްލާއެވެ. ބްރައިޓަންގެ ތިންވަނަ ލަނޑު 57 ވަނަ މިނެޓުގައި މާކް ކުކުރެއްލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕަސްކަލް ގްރޮސްއެވެ. އޭގެ ތިންމިނެޓް ފަހުން ބްރައިޓަންގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޓްރޮސާޑެވެ.
މި ބައްޔާއެކު ޔުނައިޓެޑް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވާނެ ކަން ޔަޤީވެނަފައިވާއިރު، އެ ޓީމަށް ޔޫރަޕާ ލީގުގެ ޖާގަ ވެސް ގެއްލުމުގެ ބިރާ މިހާރު ވަނީ ކުރިމަތިލާން ޖެހިފައެވެ.


