ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ދެކުނުގެ ބައެއް އިސް މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ފަރާތުން ވަނީ ދެކުނުގެ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށައަޅާފަ އެވެ. އަދި މަސްވެރިން ފާހަގަކުރި ކަންކަމުގެ ތެރޭގައި މަސްވެރި މޫސުމުގައި ބާނާ މަސްކިރޭނެ ގޮތްނުވުމާއި، ކިޔުގައި ގިނަ ވަގުތު މަޑުކުރަންޖެހުމާއި ގުޅިގެން މަސްތައް ހަލާކުވުމާއި، މަސްބާނާ ސަރަޙައްދުން މަސްކިރަންދާންޖެހޭ ސަރަޙައްދަށް ދިއުމަށް ދިގުދަތުރެއް ކުރަންޖެހޭތީ ދިމާވާ ދަތިތައް ހިމެނެ އެވެ.
މީގެ އިތުރުން މަސްވެރިން ވަނީ ދުރަށް ދުއްވަންނުޖެހި މަސްކިރޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމާއި އަދި ފަރެސްމާތޮޑާ ސަރަޙައްދުގައި މަސްފެކްޓްރީއެއް ހެދުމަށް ބޭނުންވާކަން ފާހަގަކޮށްފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މަސްވެރިންނަށް ހުރި ދަތިތައް ޙައްލުކޮށް މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް މި ސަރުކާރުން މިހާރުވެސް ފަށައިގެން މަސައްކަތްތަކެއް ކުރަމުންގެންދާކަމަށާއި އެހެންނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ. އަދި މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްގެންދާނީ މަސްވެރިކަމުގެ ތަޖުރިބާކާރު އިސް ކެޔޮޅުންގެ ޚިޔާލާއި މަޝްވަރާއާއެކުކަން ފާހަގަކުރައްވައި، އެގޮތުން ދެކުނުގެ މަސްވެރިކަމުގެ ތަރައްޤީއަށް ކުރެވޭ ކަންކަން ކުރިޔަށްގެންދިއުމުގައި މި ބައްދަލުކުރެއްވުމުގައި މަސްވެރިން ފާހަގަކުރެއްވި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ޙައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެއާއެކު ދާއިމީ ޙައްލެއް ހޯއްދެވުމުގެ މަސައްކަތްތައް ވެސް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.


