ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލައިގައި ހައްޔަރުކުރި ފާތިހު ރައީސް ނަޝީދަށް ހަމަލާ ދިންއިރު ވެސް އަދި ހައްޔަރުކުރިއިރު ވެސް މަސައްކަތް ކުރަމުން ގެންދިޔައީ ދިވެހި ފުލުހުންގެ ހިދުމަތުގައި ކަމަށް ބުނެ ދައުރު ކުރަމުން ގެންދާ ވާހަކަތައް ފުލުހުން ދޮގު ކޮށްފިއެވެ.
ފުލުހުން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުންގެ ވަޒީފާ އަށް ފާތިހް ގުޅިފައި ވަނީ 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25ވަނަ ދުވަހު ކަމަށެވެ. އަދި ބުނީ 2021ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު އަމިއްލަ އަށް އެދިގެން ވަޒީފާ އިން އޭނާ ވަކިވެފައިވާ ކަމަށެވެ.
މައްސަލައިގެ ތަހުގީގު ހިނގާނުހިނގާ ގޮތް ބެލުމަށް އެކުލަވާލެވުނު ހުރިހާ ފަރާތަކަށް ވެސް ފާތިހު އަކީ ހަމަލާ ދެވުނުއިރު ވެސް ހައްޔަރު ކުރެވުނު އިރުވެސް ފުލުހުންގެ ހިދުމަތުގައި ހުރި މީހެއް ނޫންކަން ބަޔާން ކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތު މީގެކުރިން މީޑިއާތަކަށް ވެސް ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
އަދި ފާތިހު ހައްޔަރު ކުރުމަށްފަހު ތަހުގީގު ނިންމާ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ވެސް ހުށަހެޅި ކަމަށާއި އެކަމަކު އޭނާގެ މައްޗަށް ދައުވާ ކުރާނެ ވަރަށް ހެކި ނެތް ކަމަށް ޕީޖީ އިން ބުނެފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުންގެ ހިދުމަތުން މިފަދައިން ބުނިއިރު ނަޝީދަށް ދިން ހަމަލާ އަށް ފަންޑުކުރި މީހުން ހޯދުމަށް ތަހުގީގު ކުރިޔަށް ނުގެންދާތީ ނަޝީދުގެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


