ރާއްޖޭގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ޖޫނިއާ އަދި ކެޑޭޓް ބައިގެ ސެމީ ފައިނަލުން ރާއްޖޭގެ ގައުމީ އަންހެން ޓީމު ޖާގަ ހޯދައިފިއެވެ.
ޖޫނިއާ ބައިގެ ސެމީއަށް ރާއްޖެ ދަތުރުކޮށްފައިވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ގްރޫޕް ބީގެ އެއްވަނަ ހޯދައިގެންނެވެ. މި ގްރޫޕުން ދެވަނައަށް ދިޔައީ ޕާކިސްތާނެވެ. ސެމީ ފައިނަލުގައި މިއަދު ރާއްޖެ ނުކުންނާނީ ގްރޫޕް އޭގެ ދެވަނައަށް ދިޔަ ސްރީ ލަންކާއާ ދެކޮޅަށެވެ. ގްރޫޕް އޭއިން އެއްވަނަ ހޯދާފައިވަނީ އިންޑިއާއެވެ.
މި މުބާރާތުގެ ކެޑޭޓް ކެޓަގަރީގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 3 ގޭމް 2 ގޭމުން ބަލިވި ނަމަވެސް، ފަހު މެޗުގައި ލަންކާ އަތުން ފަހަތުން އަރައި މޮޅުވެ ރާއްޖޭން ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.
އަންހެން ކެޓަގަރީގެ ކެޑޭޓް ބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ގްރޫޕް އޭގެ އެއްވަނަ ހޯދި އިންޑިއާއާ ދެކޮޅަށެވެ. އަދި ސެމީ ފައިނަލް ދެވަނަ މެޗުގައި ސްރީ ލަންކާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.


