ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
އިދިކޮޅު ޕީޕީއެމް އިން މިއަދު ވިލިނގިލީގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީށް ޔާމީން ވިދާޅުވީ ކޮމިޝަނަރު ހަމީދު ދިގު މުއްދަތަކަށް ޖަލުގައި އޮންނަވަން ޖެހޭނެ ކަމަށެވެ. ފުލުހުންނަށް ފާޑުވިދާޅުވަމުން، ރައީސް ޔާމީން ވިދާޅުވީ ފުލުހުން މިއަދު ހިންގަމުންދަނީ ކަނޑައެޅިގެން ޣައިރުޤާނޫނީ އަމަލުތައްކަމަށާއި އެކަމުގައި އިސްކޮށް އުޅެނީ އަލަށް ފުލުހަށް ވައްދައިގެން އުޅޭ ޒުވާން ކުދިންތަކެއް ކަމަށެވެ.
އެހެން ނަމަވެސް މިހާލަތު އަބަދު މިގޮތަށް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ސިފައިންނަށް އަމާޒުކޮށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިފައިންގެ އެންމެ ވަރުގަދަ ހުވައަކީ ޤައުމު ދިފާއު ކުރުން ކަމަށާއި ނަމަވެސް ސިފައިން ވަނީ އެ ހުވައާއި ހިލާފު ވެފައިކަމަށެވެ.
އަދި އަބަދު މަޤާމުގައި ނުތިބެވޭނެކަން ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުން ޝަމާލަކީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ކަމަށާއި ނަމަވެސް ހާލަތު ބަދަލުވެގެން ގޮސްފިނަމަ ޝަަމާލާއި ދެކޮޅަށް ފިޔަވަޅު ނޭޅެންވީ ކީއްވެތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނާއި ގާތް ފަރާތެއް ނަމަވެސް މުޅި ދައުލަތުގެ ހައްޤަކަށް އަރައިގެންފިނަމަ އަޅަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
މިއަދުގެ ހާލަތު ބަދަލުވާނެ ކަން ހަނދާން ކޮށްދެއްވަމުން ރައީސް ޔާމީން ވަނީ ރައީސް ސޯލިހް ނެރުއްވާފައިވާ ޣައިރު ޤާނޫނީ ގަރާރު ތަންފީޒު ކުރަން ފުލުހުންނާއި ސިފައިން ނެރެގެން މަސައްކަތް ނުކުރެއްވުމަށް ޝަމާލަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެފަދަ ޣައިރުޤާނޫނީ އަމުރުތަކަށް ފުލުހުންނާއި ސިފައިން ތަބާވާން ނުޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ގަރާރެއް ނެރުއްވާފައިވާއިރު އެ ގަރާރަށް އަމަލު ކުރާ ސިފައިންނާއި ފުލުހުންގެ ތަހުގީގުކޮށް ޝަރީއަތް ހިންގޭނެ ދުވަހެއް އަންނާނެކަން ޤަބޫލު ކުރަންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.


