އިޒްރޭލުގެ ސިފައިން ބަޑިޖަހާ، އަލްޖަޒީރާގެ ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ.
އިޒްރޭލު ސިފަިއން ބަޑިޖަހާ ޝަހީދު ކޮށްލާފައިވަނީ އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހްއެވެ.
ފަލަސްތީންގެ ހެލްތް މިނިސްޓްރީއާ ހަވަލާދީ، ނޫސްވެރިޔާ ޝަހީދުވެފައިވާކަން އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާއިރު، ވީޑިއޯތަކުން ފެންނަ ގޮތުން ނޫސްވެރިޔާގެ ގަޔަށް ބަޑިޖަހާފައިވަނީ ނޫސްވެރިއެއްކަން އަންގައިދޭ ޖެކެޓްވެސް ލައިގެން ހުއްޓައެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އިޒްރޭލު ސިފައިންޖެހި ބަޑީގެ ވަޒަން އަމާޒުވެފައިވަނީ ނޫސްވެރިޔާގެ ބޮލަށެވެ.
މީގެއިތުރުން އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި އިތުރު ނޫސްވެރިއަކުވެސް ޒަހަމު ވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން އެ ނޫސްވެރިޔާގެ ބުރަކަށްޓަށް ވަޒަން އަރާފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހް އަންނަނީ 2000 ވަނަ އަހަރުން ފެށިގެން އަލްޖަޒީރާއަށް މަސައްކަތް ކުރަމުންނެވެ.


