މަސްތުވާތަކެއްޗާއެކު ކުޅުދޫފުށީ ދެމީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށީ ސިޓީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށި ގެއެއް ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި އަންހެނެކެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 09 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ ސިޓީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 35 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު އަދި 38 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ކުޅުދުއްފުށީ ސިޓީ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ