މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 65ރ. ބަހަން އެސްޓީއޯގެ ބޯޑުން ނިންމައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން އެގޮތަށް މިއަދު ނިންމި އިރު، 2020 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ބަހާފައި ވަނީ 60ރ. އެވެ. އަދި 2019 ވަނަ އަހަރު ހިއްސާ އަކަށް ބަހާފައިވަނީ 58ރ. އެވެ.
އެސްޓީއޯއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި 10 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލައި އިރު، 41 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެ އާމްދަނީ ލިބުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ ބަލައި 26 ޕަސެންޓް އިތުރުވުމެވެ. އަދި އެ ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތަށް ކުރިއަރައި ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް އިތުރުވުމެވެ.
އެސްޓީއޯއަށް 2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 478 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލައި އިރުވެސް 33 ޕަސެންޓްގެ އިތުރުވުމެކެވެ.


