މާލޭގެ މަގުތަކަށް “އިންޑިއާ އައުޓް” ޖަހާފައި ހުރި ކަރުދާސް އަޅައި، ފާރުތަކުގައި އިންޑިއާ އައުޓް ލިޔާ ބައެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި “އިންޑިއާ އައުޓް” ކުރަހައި، ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން މީހުން ދެނެގަނެ، އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އެގޮތުން ހަތަރު މީހަކު ދެނެގަނެވި އެމީހުންގެ މައްސަލަތައް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް
މިމައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
“އިންޑިއާ އައުޓް” ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފަށާފައިވާ ހަރަކާތެކެވެ. ނަމަވެސް މި ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފަ އެވެ.


