އަވައްޓެރި އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުން އަންނަ އަނިޔާތަކާއި ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ނިކުންނަން ނިންމައިފިއެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އަވަށްޓެރި އިންޑިއާގެ ލޮބުވެތި މުސްލިމު އަހުންނާއި އުހުތުންގެ ހައްގުގައި އަޑުއުފުލުމުގެ ހަރަކާތަކަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެ އެ ހަރަކާތް އިއުލާން ކުރައްވާފައެވެ.
އިދިކޮޅުން ބުނަނީ އެ ހަރަކާތަކީ މިހާރުވެސް އެ ކޯލިޝަނުން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތާއި އެއްވެސް ވަރަކަށް ގުޅުމެއް ނެތް ހަރަކާތެއް ކަމަށެވެ. އަދި އިންޑިއާގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުން އަންނަ ކަންކަމާއި ދެކޮޅު ހަރަކާތަކީ މުޅިން ވަކި ހަރަކާތެއް ކަމަށް އިދިކޮޅުން ބުންޏެވެ.
އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ކުރާ އަނިޔާތަކާއި ދެކޮޅަށް އިދިކޮޅުން ހަރަކާތްތައް އިންތިޒާމު ކުރި ނަމަވެސް “އިންޑިއާ އައުޓް” ހަރަކާތް ނުހުއްޓާނެ ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.


