އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން މިތަކެތި ނައްތައިލާފައިވަނީ މިއަދު ދޫނިދޫގައި ކަމަށެވެ. އެގޮތުން، މިއަދު ނައްތައިލާފައިވަނީ ޖުމްލަ 42 މައްސަލައެއްގައި ހިމެނޭ އެވިޑެންސް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިތަކެތީގެ ތެރޭގައި ހިމެނެނީ 526 ފުޅި ބަނގުރާ، 20 ޕެޓް ފުޅި، 1005 ބިޔަރު ދަޅު އަދި އެހެނިހެން ތަކެތީގެ ގޮތުގައި ހިމެނޭ 10 އައިޓަމެވެ.
މިތަކެއްޗަކީ ދައުވާ ނުކުރުމަށް ނިންމައި ފައިލުކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ތަކެއްޗެވެ. އެގޮތުން ނައްތައިލާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާއާއި، ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.


