މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތަށް މީހުން ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސްއިން އިއުލާންކޮށްފިއެވެ.
އެ އިދާރާއިން ހާމަކޮށްފައިޥާގޮތުގައި ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4،400 މީހުން ބޭނުންވެއެވެ. އެއީ މާލެ ސަރަހައްދަށް 2،409 މީހުންނާއި އަތޮޅުތަކަށް 1،991 މީހުންނެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާތަނަށް ލިބިފައި ވަނީ މާލެ ސަރަހައްދަށް ބޭނުންވާ 583 މީހުންނާއި އަތޮޅުތަކަށް 1،422 މީހުން ކަމަށެވެ.
އެ އިދާރާއިން ބުނީ މާލެ ސަރަހައްދަށް އިތުރަށް 1،826 މީހުންނާއި އަތޮޅުތަކަށް ބޭނުންވާ 269 މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ އިދާރާއިން ބުނީ މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500ރ. ގެ އެލަވެންސެއް ދޭއިރު އިތުރަށް 10ރ ގެ އެލަވެންސެއްވެސް ދެއެވެ. މަސައްކަތަށް ނިކުންނަން ޖެހޭނީ 7-11 ދުވަހަށެވެ.
މީގެއިތުރުން ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް އެއް ހަފުތާގެ ތަމްރީނެއްވެސް ދޭނެއެވެ. އެ ތަމްރީނު ފުރިހަމަ ކުރުމަށް ނިކުންނަ ކޮންމެ ދުވަހަކަށް 100ރ. ދޭނެއެވެ.
ރަށްރަށުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައެވެ. މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ އޯގަސްޓާއި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް އެލަވަންސް ދޭން ހަމަޖެހިފައިވަނީ ތަމްރީނު ފުރިހަމަކޮށް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކޮށް ނިމުނީމައެވެ.
މި މަސައްކަތުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އެކަމަށް ހާއްސަކޮށްފައިވާ ލިންކަކުން އޮންލައިންކޮށް އެޕްލައިކުރެވޭނެއެވެ. ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 31 ނިޔަލަށެވެ.


